މަރުވެފައިވާ 2500 ސީލް ރަޝިއާގެ ބީޗަކަށް ލައްގައިފިއެވެ.
ދެކުނު ރަޝިއާގެ ޑަގެސްޓަން ޕްރޮވިންސަށް ލައްގާފައިވާ މި ސީލްތައް މަރުވުމަށް މެދުވެރިވި ސަބަބެއް ދެނެގަތުމަށް ކަމާގުޅޭ ވުޒާރާތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް މިހާތަނަށް ބެލި ބެލުމުން މި އެއްޗެހި މަރުވެފައިވަނީ ގުދުރަތީ ސަބަބުތަކާއި ހުރެކަމަށް ލަފާކުރެއެވެ.
އޮފިޝަލުން އެންމެ ފުރަތަމަ ރިޕޯޓުކުރީ މަރުވެގެން ލައްގާފައިވަނީ 700 ސީލް ކަމަށެވެ. އެހެން ނަމަވެސް މި އަދަދަު ވަނީ 2500 އަށް އިތުރު ވެފައެވެ.
ތިމާވެށި ހިމަޔަތްކުރުމަށް މަސައްކަތްކުރާ ކެސްްޕިއަން އެންވަޔަރަމެންޓު ޕްރޮޓެކްޝަން ސެންޓަރއިން ހާމަކުރާ ގޮތުން، ސީލްތައް މަރުވެފައިވާތާ ހަފްތާއެއްހާދުވަސް ވެދާނެއެވެ. އަދި އެ އެއްޗެހި ބަޔަކު މަރާލާފައިވާކަމަށް ނުވަތަ މަސް ބާނާ ދާގަނޑުތަކުގައި ޖެހިގެން މަރުވީ ކަމަށް ނުބެލެވޭ ކަމަށްވެސް އެ ސެންޓަރއިން ހާމަކުރެއެވެ.
މި ސަރަހައްދުގައި މީގެކުރިންވެސް މިފަދަ ހާދިސާތައް ހިނގައިގެން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ކަޒަކިސްތާނުންވެސް މިފަދަ ތިން ހާދިސާއެއް މިއަހަރުތެރޭ ރިޕޯޓުކޮށްފައިވެއެވެ.