photo_verybig_17844

ސީޝަލްސްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި 7 މަސް ބޯޓު އަނދައިފި

ސީޝެލްސްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި 7 މަސް ބޯޓު އަނދައި ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިގެން ރިޕޯޓުކޮށްފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނުއެވެ. ބޯޓެއްްގެ މަރާމާތުގެ މަސައްކަތެއްގެ ތެރެއިންނެވެ. ބޯޓުތައް ކައިރި ކައިރީގައި ހުރުމުން އެއް ބޯޓުން އަނެއް ބޯޓަށް އަލިފާންގަނޑު ފެތުރެން މާގިނަ އިރުތަކެއް ނުނަގައެވެ.

އަލިފާންގަނޑު ނިއްވާލެވިފައިވަނީ ސީޝެލްސްގެ ފަޔަރ އެންޑު ރެސްކިއު ސަރވިސަސް އެޖެންސީގެ 25 ފަޔަރފައިޓަރުންގެ މަސައްކަތާއި އެޤައުމުގެ އެއަރޕޯޓު ފަޔަރ ސަރވިސް ގުޅިގެންނެވެ.

ފަޔަރ އެންޑު ރެސްކިއު ސަރވިސަސްއިން ހާމަކުރާގޮތުގައި އަލިފާންގަނޑު ފެތުރިގެން ދިޔުމަށް ނެގީ މަދު މިނެޓުކޮޅެއް ކަމަށެވެ. ސަބަބަކީ މަސް ބޯޓުތަކަކީ ފައިބަރު ބޯޓުތަކަކަށްވުމާއި ބޯޓުތަކުގައި ގިނަ އަދަދަކަށް ތެޔޮ ހުރުމުން ކަމަށެވެ.

މި ހާދިސާގައި 7 މަސްބޯޓު އަނދާފައިވާއިރު، މީގެން ކޮންމެ މަސް ބޯޓެއްގެ އަގު އުޅޭނީ ގާތްގަނޑަކަށް 50000 ޑޮލަރާއި 70000 ޑޮލަރާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި މީގެއިތުރަށް ބޯޓުގައި ހުރި އެހެން ސާމާނުތަކުގެ އަގަށްވެސް ބޮޑު އެއްޗެއް އަރާނެ ކަމަށް ލަފާކުރެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!