މ. މުލަކުގައި މަސްވެރިން ބޭނުންކުރަމުންދާ ފާލަމެއް
މ. މުލަކުގައި މަސްވެރިން ބޭނުންކުރަމުންދާ ފާލަމެއް

މަސްވެރިންގެ ދުވަހު މުލަކުގައި "ހޯކޯމާރު" ފުޓްސަލް މުބާރާތް ބާއްވަނީ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް، މ. މުލަކު މަސްވެރިންނަށް ހާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މި މުބާރާތް ބާއްވާނީ މ. މުލަކު ކައުންސިލާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި  ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް (ސެލް) ގުޅިގެންނެވެ.

މުލަކުގައި ފުރަތަމަ ފަހަރަށް މަސްވެރިންނަށް އަމާޒުކޮށްގެން ބާއްވާ މި ފުޓްސަލް މުބާރާތުގައި ހަތަރު މަސްދޯންޏަކުން ވަނީ ބައިވެރި ވެފައެވެ. އެއީ "ހާސިލް"، "ބްލޫފިން" އަދި "ގެލެކްސީ"ގެ އިތުރުން "އުފާ" ދޯނިންނެވެ.

މިއީ މުލަކުގައި މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރަށްވީ ނަމަވެސް، ކުރިއަށްއޮތް ތާނގައި މި މުބާރާތް ބޭއްވުމަށް ސެލްއާއި ކައުންސިލް އައި އަންހެނުންގެ ކޮމިޓީން ވަނީ ނިންމާފައެވެ.

ފުޓްސަލް މުބާރާތުގެ އިތުރުން، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މުލަކު މަސްވެރިންނަށް ހަދިޔާ ޕެކޭޖް ދިނުނަށްވެސް ވަނީ ރާވާފައެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި ރައްރަށުން ދަނީ ޕްރޮގްރާމުތައް ރާވަމުންނެވެ. އޭގެތެރެއިން އެންމެ އާއްމުކޮށް ރަށްރަށުން ކުރިއަށް ގެންދާ ޕްރޮގްރާމަކީ މަސްރޭހާއި ފުޓްސަލް މުބާރާތެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ވަނަ ދުވަހެވެ. މަސްވެރިންގެ ދުވަހުގެ މި އަހަރުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ގދ. ފަރެސްމާތޮޑާގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!