ހަވާއީގައި މޫދަށް ގޮސް އުޅުނު މީހަކަށް މިޔަރެއް ހަމަލާދީފިއެވެ. ފީނަން އެރި އުޅުނު އުމުރުން ދުވަސްވީ އަންހެން ގެއްލިގެން އޭނާގެ ފިރިމީހާ ރިޕޯޓުކޮށްފައިވަނީ އެމީހުން މޫދަށް އެރި އުޅުނު ހިސާބުން މިޔަރެއްވެސް ފެނިފައިވުމުންނެވެ.
މި އަންހެން މީހާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އެހެންނަމަވެސް އޭނާގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން މިހާރުވަނީ ހޯދުމުގެ މަސައްކަތްވެސް ހުއްޓާލާފައެވެ.
ޙަބަރުތައް ބުނާގޮތުގައި އެމެރިކާގެ ވޮޝިންޓަންގައި ދިރިއުޅޭ މި ދެމަފަރިން ހަވާއީއަށް ދިޔައީ ޗުއްޓީއަށެވެ. މޫދަށް ގޮސް އުޅެނިކޮށް ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތިދުވަހުގެ ވަގުތެއްގައެވެ. ވަޔާއި ކަނޑު މަގުން އެ އަންހެން މީހާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހުމ ހުކުރު ދުވަހުގެ ރެއާ ހަމައަށް މި މަސައްކަތް ކުރިއަށް ގެންދިޔުމަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވުމުން އޭނާ ހޯދުމުގެ މަސައްކަތްވަނީ ހުއްޓާލާފައެވެ.
އަދި އަންހެން މީހާ ވަނީ މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައި ކަމަށްވެސް ވަނީ ނިންމާފައެވެ. ފިރިމީހާގެ އިތުރުން އެ ހިސާބަށް މޫދަށް އެރި އުޅުނު އެހެން މީހުންނަށްވެސް ވަނީ އެ މިޔަރު ފެނިފައެވެ. އަދި އެއީ ސައިޒުން ބޮޑު މިޔަރެއް ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.