ހުވަދު އަތޮޅު ދެކުނުބުރިން ހޮވާލެވޭ، އެންމެ ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންދާ ޒުވާން ކެޔޮޅަށް އަގުވަޒަންކޮށް، ދޭ ހަނދާނީ ފިލާ، ގދ. މަޑަވެލި، ކެލަމް ހައުސް ފަރުޙާން ޒާހިރަށް ލިބިއްޖެއެވެ.
ފަރުހާނަށް މި އެވޯޑު ލިބުނީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ފަރެސްމާތޮޑާގައި މިހާރު ކުރިއަށްދާ ޖަލްސާގައެވެ.
ޓީއެސްލައިން ދޯނީގެ ކެޔޮޅުގެ މަޤާމުގައި ހުރި ފަރުހާނަކީ ވަރަށް ޅަ ޢުމުރުގައި މަސްވެރިކަމުގެ ދާއިރާއަށް ނުކުމެ، މިހާރު މަސްވެރިކަމުގެދާއިރާގައި ސާދަ އަހަރު ހޭދަކޮށްފައިވާ ޒުވާނެކެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާާއްވާ ހަފްލާގައި، މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން ހަރަކާތްތެރިވާ، ހުވަދު އަތޮޅު ދެކުނުބުރިން ހޮވާލެވޭ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅަކާއި އެންމެ ތަޖުރިބާކާރު ކެޔޮޅު ހޮވައި، އެ ދެ ފަރާތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑު ދޭނެއެވެ.
ފަރުހާން މަހަށްދާ ޓީއެސްލައިން ދޯންޏަކީ، ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ، ގިނަ މަސްވެރިން ދަންނަ ދޯންޏެކެވެ.
އެގޮތުން އެ ދޯނިން ވަނީ ދިވެހި ރާއްޖޭގައި، ދޮށީގެ މަސްވެރިކަމުގައި އެއްދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑު، ސެޕްޓެމްބަރު މަހުގެ ތެރޭގައި ގާއިމު ކޮށްފައެވެ. ނަމަވެސް ފަހުން އެއަށްވުރެ ގިނައިން މަސް ބާނައި، މިހާރު އެރިކޯޑުވަނީ "ބާޚިރާ" ދޯނިން ގާއިމު ކޮށްފައެވެ.
ނަވާރަ ސަތޭކަ ހަށްޑިހަ ނުވަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަ ކުރަމުންނެވެ.