މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި ދެވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވާ އުޅަނދުގެ އެވޯޑު، ގދ. މަޑަވެލީ "ކަމަނަ" ދޯނިން ހޯދައި، ހާއްސަ ހަނދާނީފިލައެއް ހާސިލު ކޮށްފިއެވެ.
މީގެ އަށް އަހަރު ކުރިން މަސްވެރިކަމަށް ނެރެފައިވާ މި ދޯނީގައި، ޖުމްލަ 37 ފަޅުވެރިން ހަރަކާތްތެރިވެއެވެ.. ކަމަނަ ދޯންޏަކީ އެންމެ ގިނައިން މަސް ކިރުވި ދޯނިތަކުގެ ތެރޭގައި ހިމެނި، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުވެސް އިނާމު ހާސިލުކޮށްފައިވާ ދޯންޏެކެވެ.
99 ފޫޓުގެ މި ދޯންޏަކީ ރާއްޖޭގެ މަސްދޯންޏެއްގައި ބޭނުންކުރާ ހުރިހާ ޒަމާނީ ވަސީލަތްތައް ފުރިހަމަ ދޯންޏެކެވެ. މިގޮތުން މަސް ފިނިކުރާ "އާރު.އެސް.ޑަބްލިޔު" ސިސްޓަމާއި ދޫނި ރާޑަރުގެ އިތުރުން އިލެކްޓްރޯނިކް ވިންޗް ފަދަ ވަސީލަތްތައް މި ދޯނީގައި ބޭނުންކުރެއެވެ.
ދޯނީގެ އިންޖީނަކީ 672 ހޯސްޕަވަރުގެ އިންޖީނެކެވެ. މި އިންޖީނާއެކު ދޯނީގެ ދުވެލި އުޅެނީ ގަޑިއަކު 12 މޭލު ބާރުމިނުގައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަސް ފިޔަލީ ބުރަފަށްޗެއް މަހަށްދާ ދޯންޏެއްގައި ހަރުކޮށްފައި ވަނީވެސް ކަމަނަ ދޯނީގައެވެ.
މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި އުޅަނދުގެ އެވޯޑުވެސް ހޯދާފައި ވަނީ ގދ. މަޑަވެލީ ދޯންޏަކުންނެވެ.