މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި ތިންވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވާ އުޅަނދަށް ދޭ ހަނދާނީ ފިލާ، ގއ. މާމެންދޫ، "ހުޝިޔާރު" ދޯނިން ހޯދައިފިއެވެ.
"ހުޝިޔާރު" ދޯންޏަށް މި އެވޯޑު ލިބުނީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ފަރެސްމާތޮޑާގައި މިހާރު ކުރިއަށްދާ ޖަލްސާގައެވެ.
ދެހާސް އަށާރަ ވަނަ އަހަރު މަސްވެރިކަމަށް ނެރެފައިވާ މި ދޯންޏަކީ 30 ފަޅުވެރިންނާ އެކު މަހަށްފުރާ އުޅަނދެކެވެ. މި ދޯންޏަކީ މަސްވެރިކަމުގެ ތަފާސް ހިސާބު މިނިސްޓްރީއަށް ގަވާއިދުން ފޮނުވާ، ނަމޫނާ އުޅަނދެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.
މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި އުޅަނދުގެ އެވޯޑު ހޯދާފައި ވަނީ ގދ. މަޑަވެލީ ޓީއެސް ލައިން ދޯނިންނެވެ. އަދި މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި ދެވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވާ އުޅަނދުގެ އެވޯޑު ހޯދާފައި ވަނީ ގދ. މަޑަވެލީ "ކަމަނަ" ދޯނިންނެވެ.