ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު -- ފޮޓޯ/ ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު -- ފޮޓޯ/ ރައީސް އޮފީސް

މަސްވެރިކަމުގައި ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް، ފެށޭއަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ: ރައީސް

މަސްވެރިކަމުގެ ސިނާޢަތުގައި މިހާރުހުރި ބޮޑެތި މައްސަލަތައް މިފެށޭއަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ގދ. ފަރެސްމާތޮޑާގެ މަސްވެރިންނާއި ބައްދަލުކުރައްވައި މަސްވެރިން ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއްސަވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުކުރެއްވުން އޮތީ އިއްޔެ ހަވީރު، ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގައެވެ.

މިބައްދަލުވުމުގައި މަސްވެރިން ފާހަގަކުރި ދަތިކަންކަމުގެ ތެރޭގައި، މަސްވެރިން ބާނާ މަސްކިރުވުމުގައި ހުރި ދަތިތަކާއި، މަސްވެރިން ކިރުވާމަހަށް ފައިސާ ލިބުންލަސްވުމާއި، އައިސްލިބުން ދަތިވުމާއި، ތެޔޮލިބުން ދަތިވުމުގެ މައްސަލަތައް ހިމެނެއެވެ.

މީގެ އިތުރުން މަސްވެރި އުޅަނދުފަހަރުގައި ސެޓަލައިޓް ފޯނު ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިންގެ މެދުގައި ފައިސާ ބެހުމުގައި، ބޭންކު ލިމިޓްގެ ސަބަބުން ދަތިތައް ކުރިމަތިވާކަމުގައި މަސްވެރިން ފާހަގަކުރިއެވެ.

މިބައްދަލުވުމުގައި ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، މަސްވެރި އުޅަނދު ފަހަރު ތަރައްޤީވެގެން އައި މިންވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް މަސައްކަތް ކުރެވިފައި ނެތުން ކަމަށެވެ.

މިގޮތުން ފާއިތުވި 10 ނުވަތަ 12 ވަރަކަށް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި އެމަސައްކަތްކުރެވިފައި ނެތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ގދ. ފަރެސްމާތޮޑާގައި ފިޝަރީޒް މިނިސްޓްރީއާ ފަރެސްމާތޮޑާ ކައުންސިލް ގުޅިގެން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން، މަސްވެރިންގެ ފޯރަމަކާއި، ސްކޫލުކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭ ކެރިއަރ ގައިޑެންސް ޕްރޮގްރާމަކާއި، ފަރުމަސްވެރިކަމުގެ މުބާރާތަކާއި، މަސްކެނޑުމުގެ މުބާރާތެއްގެ އިތުރުން ފިޝަރީޒް އެކްސްޕޯއެއް ކުރިޔަށް ގެންދިއުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!