ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް، ދާދިއަވަހަށް ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު -- ފޮޓޯ/ ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދިއަވަހަށް ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

އެމަނިކުފާނު މަސްވެރިންނަށް މިޔަޤީންކަން ދެއްވީ، ދިވެހިރާއްޖޭގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ ފަރެސް މާތޮޑާގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިއްޔެ ހަވީރު، ފަރެސްމާތޮޑާ އާއި ހުވަދު އަތޮޅުގެ މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މަސްކިރުވުމަށް ހުރި ދަތިތަކާއި، މަސްވެރިން މަސްކިރުވުމަށް ދުރުދަތުރު ކުރަން ޖެހުމުން ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި، ތެޔޮލިބުމަށް ހުރި ދަތިތައް ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުވަދު އަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މިދަތިތައް ދާދިއަވަހަށް ހައްލުކުރެވިގެންދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖެ ގެނެވޭ ހަތަރު ބޯޓުގެ ތެރެއިން 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު ހުވަދު އަތޮޅު ފަރުބިތުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

މީގެ އިތުރުން މަސްވެރިންނަށް ތެޔޮ ލިބުމުގެ ދަތިކަން ހައްލު ކުރުމަށް، އެސްޓީއޯ މެދުވެރިކޮށް ފިއުލް ސަޕްލައި އިން، މަސްވެރިންނަށް ހެޔޮ އަގުގައި އަދި ކްރެޑިޓަށްވެސް ތެޔޮލިބޭނެ މަގު ދާދިއަވަހަށް ހަމަޖައްސައި ދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ފެލިވަރުގެ ކެޕޭސިޓީ މަތިކުރުމާއި، ތ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރިޔަށްދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި އެންމެ ޒުވާން ކެޔޮޅަށާއި، އެންމެގިނައިން މަސްކިރުވި ތިން ދޯންޏަށާއި، އެންމެ ގިނައިން މަސްގަތް ކުންފުނިތަކަށާއި، މަސްވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ފަރާތްތަކަށާއި، ކޭމްބްރިޖް އޯލެވެލް އިމްތިހާނުގައި މެރިންސައިންސް މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ސްކޫލުތަކަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.

މިޖަލްސާގައި ވަނީ، މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކުގެ ތެރެއިން، ކުރީގެ ފިޝަރީޒް މިނިސްޓަރ ، ހ. މީނާޒް، އަލްމަރްޙޫމާ ޑރ ފާޠިން ޙަމީދަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ