IMG_20221212_002458_315

މަސްވެރިންގެ ދުވަހާ ގުޅިގެން މިފްކޯއިން ދެވައްތަރެއްގެ މަސްދަޅެއް ބާޒާރަށް ނެރެފި

ދިވެހިރާއްޖޭގެ 42ވަނަ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިފްކޯއިން އާ އުފެއްދުންތަކެއް ބާޒާރަށް ނެރެފިއެވެ.

މިފްކޯއިން އަލަށް ތަޢާރަފްކޮށްފައި ވަނީ، މިހާރުވެސް ދިވެހިންގެ އިތުބާރު ހޯދާފައިވާ ފަސްމީރު ބްރޭންޑު މަސްދަޅުގެ މުޅިން އާ ދެވައްތަރެކެވެ. އެއީ ލޮނުމެދު މަސްދަޅާއި ވަޅޯމަސް މަސްދަޅެވެ.

އެގޮތުން، ލޮނުމެދު މަސްދަޅަކީ މީގެ ކުރިންވެސް އާންމުންގެ ތާޢީދު ހޯދާފައިވާ ގިތެޔޮމިރުސް މަސްދަޅާއި ހިކިމިރުސް މަސްދަޅެކޭ އެއްގޮތަށް މަސްދަޅުގައި ލޮނުމެދު ހިމަނައިގެން އުފައްދާފައިވާ ރަހަމީރު އުފެއްދުމެކެވެ. ބަތާއި މޮޑެގެންކާންވެސް މީރު ލޮނުމެދު މަސްދަޅު ބޭނުންކޮށްގެން އެހާމެ ފަސޭހައިން ޕާސްތާ އާއި ނޫޑްލްސްވެސް ކައްކާލެވޭނެއެވެ.

މިފްކޯއިން ބާޒާރަށް ނެރުނު ވަޅޯމަސް މަސްދަޅު

މިިދިޔަ ބުރާސްފަތި ދުވަހު ފަރެސްމާތޮޑާގައި ހުޅުވުނު މަސްވެރިންގެ އެކްސްޕޯގައި މި މަސްދަޅުތައް ރަހަބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލުމުން، މި ދެ އުފެއްދުމަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މިގޮތުން މިހާރު މިފްކޯއިން އުފައްދާ ހުރިހާ މަސްދަޅެއްގެ ތެރެއިން އެންމެ މީރީ ލޮނުމެދު މަސްދަޅު ކަމަށްވެސް ގިނަ ބަޔަކު ފާހަގަ ކުރިއެވެ.

މިފަހަރު މިފްކޯއިން ބާޒާރަށް ނެރުނު ތަފާތު ދެވަނަ އުފެއްދުމަކީ ގިނަ ދުވަހު ހަލާކުނުވެ ހުންނަ، ވަގުތުން ބޭނުންކޮށްލެވޭ، ވަޅޯމަސް މަސްދަޅެވެ. މިފްކޯއިން މިމަސްދަޅު ތައްޔާރުކޮށްފައިވަނީ އެ ކުންފުނިން އުފައްދާ ސިއްހަތައް ރަގަޅު އުފެއްދުންތަކުގެ ތެރޭގެއި ހިމަނައި ވަޅޯމަސް ޒައިތޫނި ތެލުގައި ބަންދުކޮށްގެންނެވެ.

މަސްވެރިންގެ އެކްސްޕޯގައި މި ދެމަސްދަޅު ބޭނުންކޮށެގެން ޕާސްޓާ ޑިޝްތަކުގެ އިތުރުން އޮޕެން ސޭންޑްވިޗް ބައިޓްވެސް މިފްކޯގެ އެގްޒެކެޓިވް ޝެފް ނާބެ ވަނީ ތައްޔާރުކޮށްފައެވެ. މި ޑިޝްތަކަށް ހުރިހާ އުމުރެއްގެ މީހުންގެ ބޮޑު ތަރުތީބެއްވަނީ ލިބިފައެވެ.

އެ ކުންފުނީގެ އަމާޒަކީ ދިވެހިން ބާނާ މަހުގެ އުފެއްދުންތައް ދިވެހިވަންތަ ގޮތެއްގައި ބާޒާރަށް ތަޢާރަފް ކުރުން ކަމަށް މިފްކޯއިން މައުލޫމާތުދިނެވެ.

އެގޮތުން ފަސްމީރު ބްރޭންޑުގެ މި ދެމަސްދަޅަކީވެސް ދުނިޔެ ގަބޫލުކުރާ މިންގަނޑުގެ ފެލިވަރު ކޭނަރީގައި އުފައްދައި ރަގަޅު އަގެއްގައި ދިވެހިންނަށް ގެނެސްދެވޭ ޕްރިމިއަމް ދެ އުފެއްދުމެވެ. މިފްކޯގެ އާ ދެ މަސްދަޅު ތައާރަފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!