މިދިޔަ އަހަރު ބޮޑުކަންނެލީގެ މަސްވެރިކަމުގައި ތިންވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވާ އުޅަނދުގެ އެވޯޑު، އދ. މަހިބަދޫ، "އަސުރުމާ 3" ދޯންޏަށް ލިބިއްޖެއެވެ.
"އަސުރުމާ3" ދޯންޏަށް މި ހަނދާނީ ފިލާ ލިބުނީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ފަރެސްމާތޮޑާގައި ރޭ ކުރިއަށްދިޔަ ޖަލްސާގައެވެ.
އަސުރުމާ 3 ބަނދެ، މަސްވެރިކަމަށް ނެރެފައިވަނީ މީގެ 9 އަހަރު ކުރިންނެވެ. މަހިބަދޫ ސްކޫލުން ކިޔަވާ ނިންމާ ގިނަ ދަރިވަރުންނަށް މަސްވެރިކަން ތަޖުރިބާ ކުރުމުގެ ފުރުސަތު، މި ދޯނީގެ ވެރިފަރާތުން ހޯދައިދީފައި ވާކަން ފިޝަރީޒް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.
މިިދޔަ އަހަރު ބޮޑުކަންނެލީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި ދޯންޏަކީ، ބ. ތުޅާދޫ، "ހައިސަމް" ދޯންޏެވެ. އަދި މިދިޔަ އަހަރު ބޮޑުކަންނެލީގެ މަސްވެރިކަމުގައި ދެ ވަނައަށް އެންމެ ގިނައިން މަސް ކިރުވާފައި ވަނީ ދ. މީދޫ، "އަލަމާ 6" ދޯނިންނެވެ.