ޖަޕާނުގައި ނޫ އުރަހަ ކަންނެލީގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެއެވެ. އާ އަހަރާއި ދިމާކޮށް ކޮންމެ އަހަރެއްގައިވެސް ނޫ އުރަހަ ކަންނެލީގެ ޑިމާންޑު ޖަޕާނުގައި ބޮޑުވެއެވެ.
އަގުތައް އުފުލެމުން ދިޔުމާއި އެކު ވިޔަފާރިކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަގުތައް އުފުލެމުންދާއިރު ބާޒާރަށް ނެރޭ ނޫ އުރަހަ ކަންނެލީގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ވަނީ %50 ދަށްވެފައެވެ. ބާޒާރުގައި މިހާރު ނޫ އަރަހަ ކަންނެލި ކިލޯއެއްގެ އަގުހުރީ 8000 ޔެން ނުވަތަ 58 ޑޮލަރަށެވެ. މި އަގުތައް މިވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %30 އުފުލިފައެވެ.
ބާޒާރަށް މަސް ލިބޭ މިންވަރު ދަށްވުމުގެ ސަަބަބުތަކުގެތެރޭގައި އަހަރުގެ ފަހުކޮޅުގައި މަހަށްދާ މީހުން މަދުވުން ހިމެނެއެވެ. މިއީ ގިނަ ބަޔަކު އާއިލާ އާއި އެކު ޗުއްޓީ ހޭދަކުރާ ދުވަސްކޮޅެވެ.
ޖަޕާންގެ ޓޯކިޔޯގެ ޓޮޔޮސޫ މާރުކޭޓުގައި މަސް ހޯލްސޭލް ކުރާ ފަރާތަކުން ބުނީ ބާޒާރަށް މަސް ލިބެމުންދާ މިންވަރަށް ބަލާއިރު، އާ އަހަރުގައި ނޫ އުރަހަ ކަންނެލި ކާން މީހުުންނަށް ނުލިބިދާނެ ކަމަށެވެ. ނޫ އަރަހަ ކަންނެއްޔަކީ ޖަޕާނުގައި މަޤްބޫލް މަހުގެ ބާވަތަކެވެ. މިއާއެކު ރެސްޓޯރެންޓުތަކުގެ މެނިއުތަކުގައި އެންމެ ހިނގާ އެއް ބާވަތަކީ މީގެން ތައްޔާރުކޮށްފައިވާ ކެއުންތަކެވެ.
ނޫ އުރަހަ ކަންނެއްޔަކީ ދުނިޔޭގައި އެންމެ އަގުބޮޑު މަހުގެ ބާވަތެވެ. މިއީ ވަރަށް މަދުން ފެންނަ މަހުގެ ބާވަތަކަށްވާއިރު ބައެއް ޤައުމުތަކުގައި ނޫއުރަހަ ކަންނެލި ބޭނުމަކީ މަނާކަމެކެވެ.