ލ. އަތޮޅުގެ އެންމެ ބާރުބޮޑު، މާމެންދޫ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުވުމާމެދު ނާއުންމީދުވެ، ކައުންސިލާއި މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ބަޖެޓުގައިވެސް ހިމެނުނު މާމެންދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް، އަހަރު ނިމޭއިރުވެސް ފަށާފައި ނުވާތީ އެރަށު މަސްވެރިން އިންތިހާއަށް ކަންބޮޑުވެއެވެ.
މުޅި ލ. އަތޮޅުގައި އޮތް އެންމެ ބާރުބޮޑު، މާމެންދޫ ބަނދަރަށް އައްޑޫ، ހުވަދޫ އަދި، ފުވައްމުލަކަށް ދަތުރުކުރާ އުޅަނދުފަހަރުވެސް ޖައްސައެވެ. އަދި މޫސުން ގޯސްވާ ކޮންމެ ފަހަރަކު ބަނދަރު ފުރި ބާރުވެ، ތޮއްްޖެހެއެވެ.
މާމެންދޫ ބަނދަރާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން، މާމެންދޫ ކައުންސިލް މެމްބަރު ޔޫސުފް ޖަޒްލާން ވިދާޅުވީ، އަބަދުވެސް މަހަށްދާ މަސްދޯނިފަހަރު ރަށުގައި ބަނދަރުކުރާ ކަމަށާއި، އެރަށަށް ނިސްބަތްވާ 100 ފޫޓަށްވުރެ ބޮޑު އަށް ދޯނި އެބަ އޮތް ކަމަށެވެ. އަދި އެހެނިހެން ކުދި ދޯނިފަހަރާއި ޑިންގީފަހަރުވެސް އެރަށުގައި ގެންގުޅޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ބަނދަރަކީ އަތޮޅުގެވެސް އެންމެ ބާރުބޮޑު ބަނދަރު. މާލެއިން، އައްޑޫ، ހުވަދޫ، ފުވައްމުލަކަށް ދަތުރުކުރާ މައި މަގުގަ އިންނަ ބަނދަރު. ދެން އެހެންވީމަ ޓްރާންސިޓް ބަނދަރަކަށް ތާ މި ވަނީ،" ބަނދަރުގެ ހާލަތު ކިޔައިދެމުން ޖަޒްލާން ވިދާޅުވިއެވެ.

"އަބަދުވެސް މި ޖެޓީގަ ގާތްގަނޑަކަށް، ދެކުނަށް ދަތުރުކުރާ ހައެތި، ހަތްއެތި ނޯންނަ އެންމެ އިރެއްވެސް ނުދާނެ. ދެން ގިނަފަހަރު ރަށު ދޯނިފަހަރަށްވެސް ޖެޓީން ޖާގަ ނުލިބި ދަނީ. ބޭރު ފައްތިޔާގަ ބައެއް ދުވަސްދުވަހު މޫސުން ގޯސްވެގެން 12 ދޯނި 13 ދޯނި އޮންނަ ދުވަސްތައްވެސް އެބަދޭ،" ޖަޒްލާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ބަޖެޓުގައި ބަނދަރު މަރާމާތުކުރުން ހިމެނުނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން، މި އަހަރުގެ ބަޖެޓަށް އެ މަސައްކަތް ބަދަލު ކުރީއެވެ.
" ދެން މިހާރު 2022 ވެސް ނިމެން މިއޮތީ ގާތްގަނޑަކަށް 15 ވަރަކަށް ދުވަސް. ދެން ބަނދަރުގެ އެއްވެސް ކަމެއް އަދިއެއް ނުކުރޭ. ދެން އިހަކަށްދުވަހު، ކައުންސިލްގެ ފަރާތުން އަޅުގަނޑު މާލެވެސް ޒިޔާރަތް ކޮށްފަ ޕްލޭނިން މިނިސްޓްރީގަ ދެނެންވިން ބަނދަރުގެ ވާހަކަ. ދެންނެވީމަ ވިދާޅުވީ ތިމަންނަމެން ބަޖެޓް ކޮށްފަ މީނދީ ބަނދަރު މަރާމާތޭ. އެހެންވެއްޖެއްޔާ މާބޮޑު ހައްލެއް މިއަކަށް ނާންނާނޭ،" މާޔޫސީ ޖަވާބަކާއެކު ނާއުންމީދުވީ އެހާހިސާބުންނެވެ.
ޖަޒްލާން ފާހަގަ ކުރެއްވި ގޮތުގައި، ބަނދަރު މަރާމާތު ކުރުމަށް، ވަރަށްފަހުން މިނިސްޓްރީން ކުރެހުމެއް ފޮނުވިއެވެ. ނަމަވެސް އެ ކުރެހުމާ އެއްގޮތަށް ބަނދަރު މަރާމާތު ކޮށްފިނަމަ، އިތުރަށް ބަނދަރުގެ ޖާގަ ކުޑަވާނެ ކަމަށް ޖަޒްލާން ވިދާޅުވިއެވެ.
"އިހަކަށް ދުވަހު ފޮނުވީ، ކައުންސިލުން ފާސްކޮށްދޭށޭ ކިޔާފަ ފޮނުވި ކުރެހުމުގައި އިންނަނީ ބަނދަރުގެ ބޭރުތޮށި މިހާރު މި އިން ވަރަށް ބައިންދާފަ، އޭގެ އެތެރެއަށް ޕޭމަންޓް ހަދާ، ޝީޓްފައިލްކޮށްފަ އެއްޗެހި ގާތްކުރެވޭ ގޮތަށް. އޭރުން ބަނދަރު އިތުރަށް ހަނިވެގެން ދަނީ. އެކަމަކު ބަނދަރާ ގުޅިގެން ކުޑަ ބަނދަރެއް އަހިސްފިނަމަ އެ މައްސަލަ ހައްލުވާނެ،" ޖަޒްލްާން ވިދާޅުވިއެވެ،
ބަނދަރުގެ ދަތިކަމުން މަސްވެރިން އަބަދުވެސް އެ ޝަކުވާ ކުރާ ކަމަށާއި، މިހާރަށްވުރެ ޖާގަ ހަނިވާނަމަ، ދެން އޮތް ހައްލަކީ، ކުދި އުޅަނދުފަހަރަށް ގާތްކުރެވޭނެ ފަދަ ކުޑަ ބަނދަރެއް ރަށަށް ލިބުން ކަމަށް ޖަޒްލާން ވިދާޅުވިއެވެ.