ރީނދޫއުރަހަ ކަންނެއްޔަކީ ކަނޑުގެ މަތީފަށަލައިގައި އުޅޭ، ދުރު ސަރަޙައްދުތަކަށް ދަތުރުކުރާ އަދި ދުނިޔޭގެ ހޫނު (ޓްރޮޕިކަލް) ކަނޑުތަކުގައްޔާއި މެދުމިންވަރަކަށް ފިނި (ސަބް-ޓް ރޮޕިކަލް) ކަނޑުތަކުން ފެންނަ މަހެކެވެ.
މި މަސް އާންމު ގޮތެއްގައި އުޅެނީ ލޮނުގަނޑުގެ ފިނިހޫނުމިން 18 ޑިގްރީ އާއި 31 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ހުންނަ ހިސާބުތަކުގައެވެ. މިއީ 250 މީޓަރު ފުނަށް ދިއުމުގެ ޤާބިލުކަން ލިބިފައިވީ މަހެއްނަމަވެސް، އެންމެ އާންމުކޮށް އުޅެނީ ކަނޑުގެ ސަޠުޙުން ފެށިގެން 100 މީޓަރު ފުނުގައެވެ.
މި ބާވަތުގެ ބޮޑެތި މަހުގެ ބުރަކަށިމައްޗާއި، ބަޑުދަށްފަރާތުގެ ދެވަނަ ކޮތަރިބައި ހުންނަނީ ވަރަށް ދިގުކޮށެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. އަދި ބަނޑުދަށާއި އަރިމަތީގައި ހުންނަނީ ރިހިކުލައެވެ. މި މަހުގެ އަރިމަތީގައި މަހުގެ ހުރަހަށް ވާގޮތަށް ގާތްގަނޑަކަށް 20 ފަނޑު ރޮނގު ހުރެއެވެ. މަހުގެ ކޮތަރިތަކުގެ ކުލަކީ ރީނދޫކުލައެވެ.
ރީނދޫއުރަހަ ކަންނެއްޔަކީ އާންމުގޮތެއްގައި ކަނޑުގެ ވަރަށް ތިލައިގައި، އައިން ހަދައިގެން ދަތުރުކޮށް އުޅޭ މަހެކެވެ. މިފަދަ އައިންތަކުގައި އާންމުކޮށް އެކުލެވިގެން ވަނީ އެއް ސައިޒެއްގެ މަހެވެ. ބައެއް ހާލަތްތަކުގައި އެހެނިހެން ބާވަތުގެ މަހާ އެކުވެސް ރީނދޫއުރަހަ ކަންނެލި އައިން ހަދައި އުޅެއެވެ. ބޮޑެތި ރީނދޫއުރަހަ ކަންނެލި އައިން ކޯމަހާ އެކީގައި ވެސް ދަތުރުކޮށް އުޅެއެވެ. ކޯމަހުގެ އެހީގައި ކަންނެލި އައިން ހޯދުމަކީ ދިވެހި މަސްވެރިން އާންމުކޮށް ކުރާ ކަމެކެވެ.

ރީނދޫއުރަހަ ކަންނެއްޔަކީ ނިސްބަތުން ބޮޑު މަހެކެވެ. އެންމެ ބޮޑު މަހަކަށް ރިކޯޑު ކުރެވިފައިވަނީ 239 ސެންޓިމީޓަރުގެ މަހެކެވެ (ފްރޮއޭސް އަދި ޕޯލީ، 2019). ނަމަވެސް، އާންމުކޮށް ފެންނަނީ ދިގުމިނުގައި 150 ސެންޓިމީޓަރު ހުންނަ މަހެވެ. ރީނދޫއުރަހަ ކަންނެލީގެ އެންމެ ބަރު މަހަކަށް ރިކޯޑުކުރެވިފައިވަނީ 200 ކިލޯގެ މަހެކެވެ. އަދި އެންމެ ދިގު އުމުރަކަށް ރިކޯޑު ކުރެވިފައިވަނީ 9 އަހަރެވެ (ފްރޮއޭސް އަދި ޕޯލީ، 2019).
ރީނދޫއުރަހަ ކަންނެލި ވިހާ އުމުރަށް އަޅަނީ އާންމު ގޮތެއްގައި 50 އާއި 60 ސެންޓިމީޓަރަށް ބޮޑުވުމުންނެވެ. މި މިނަށް ކަންނެލި ބޮޑުވާކަމަށް ބެލެވެނީ އުމުރުން 12 މަހާއި 15 މަހާ ދެމެދުގައެވެ.
ރީނދޫއުރަހަ ކަންނެއްޔަކީ ހޫނު ކަނޑުތަކުގައި، މުޅި އަހަރުދުވަހުގެ ތެރޭގައި ދިގުދެމިގެންދާ ގޮތަށް ބިސް ދޫކުރާ މަހެކެވެ. އަދި މިފަދައިން ބިސް ދޫކުރާ މޫސުމުގައި ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު، އެކިފަހަރު މަތިން ބިސްދޫކުރެއެވެ.
ދިވެހިރާއްޖޭގައި އާންމުކޮށް، ރީނދޫއުރަހަ ކަންނެލީގެ ކުދި މަސް ބާނާ އުޅެނީ ދޮށީގެ މަސްވެރިކަމުގައެވެ. އަދި ކަނޑުގެމަތީ ފަށަލަތަކުގައި ދަތުރުކޮށް އުޅޭ، ގާތްގަނޑަކަށް 70 ސެންޓިމީޓަރުގެ މަސް، އަތުނަނުގެ މަސްވެރިކަމުގައި ބާނައެވެ. ވަދާ ދުއްވައިގެންވެސް ކޮންމެވެސް މިންވަރަކަށް ބޮޑެތި ރީނދޫއުރަހަ ކަންނެލި ބާނާ އުޅެއެވެ.
ސައިންޓިފިކް ނަން: Thunnus albacares
އިނގިރޭސިނަން: ޔެލޯފިން ޓޫނާ
ދިވެހި ނަން: ރީނދޫއުރަހަ ކަންނެލި