ގެނބުރު ރާގޮނޑި - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ރާގޮނޑި

ކަނޑުމަހުގެ އެހެން ބާވަތްތަތެކޭ އެއްފަދައިން ރާގޮނޑިއަކީވެސް ދުރަށް ދަތުރުކުރާ މަހެކެވެ. މިއީ އިންޑިއާ ކަނޑާއި، އެޓްލާންޓިކް ކަނޑު، އަދި ޕެސިފިކް ކަނޑުގެ ހުޅަނގު ބިތަށް މީގެ އާބާދީ ފެތުރިފައިވާ މަހުގެ ބާވަތެކެވެ.

މިއީ އައިން ހަދައިގެން ކަނޑުގެ މަތީ ފަށަލައިގައި، 200 މީޓަރު ފުނުގައި، މާކަނޑުގައްޔާއި އައްސޭރިފަށާ ކައިރީގައި އުޅޭ މަހެކެވެ. ރާގޮނޑީގެ އާން މު ކާނާގެ ތެރޭގައި ކުދި މަހާއި، ބޯވަދިލަމަހާއި، ކަކުންޏާއި ޑިނގާ ބާވަތުގެ ސޫފި ހިމެނެއެވެ. ރާގޮނޑި ބިސްދޫކުރާ މޫސުން އެކި ސަރަޙައްދުތަކުގައި ތަފާތުކަމަށް ވެއެވެ. އަދި ބައެއް ހިސާބުތަކުގައި މުޅި އަހަރުގެ ތެރޭގައި ބިސްދޫކުރެއެވެ.

ރާގޮނޑި އެންމެ ބޮޑުވާކަމަށް ބެލެވެނީ 65 ސެންޓިމީޓަރަށެވެ. ނަމަވެސް، އެންމެ ގިނައިން ފެންނަނީ ގާތްގަނޑަކަށް 60 ސެންޓިމީޓަރުގެ މަހެވެ. ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބާނައިފައިވާ ރާގޮނޑިއަށް ބަލާއިރު، 1994 ވަނަ އަހަރުން 1996 ވަނަ އަހަރާ ދެމެދު ބާނައިފައިވާ ރާގޮނޑީގެ ބޮޑުބައިގައި ހިމެނެނީ 27 ސެންޓިމީޓަރާއި 41 ސެންޓިމީޓަރާ ދެމެދުގެ ދިގުމިނުގެ މަހެވެ (އެންޑަރސަން، ވަހީދު އަދި އާދަމް، 1998).

ދިވެހިރާއްޖެއިން ރާގޮނޑި ފެންނަ ހިސާބު މޫސުމީ ގޮތުން ބަދަލުވެއެވެ. މިގޮތުން އިރުވައި މޫސުމުގައި ރާއްޖޭގެ ހުޅަނގު ބިތުން އަދި ހުޅަނގު މޫސުމުގައި ރާއްޖޭގެ އިރުމަތީ ބިތުން ރާގޮނޑި ފެންނަ މިންވަރު ގިނަވެއެވެ (އެންޑަރސަން، ވަހީދު އަދި އާދަމް، 1998).

 

ސައިންޓިފިކް ނަން:  Auxis thazard
އިނގިރޭސި ނަން: ފްރިގޭޓް ޓޫނާ
ދިވެހި ނަން: ރާގޮނޑި

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މައުލޫމާތު ރަނގަޅެއް ނޫން. ފޮޓޯގައި އެވަނީ ގެނބުރު ރާގޮނޑިއެއް. އިނގިރޭސި ނަމަކީ ބުލެޓް ޓޫނާ