raees Maumoon

މަސްވެރިންގެ ދުވަހުގެ ގޮތުގައި ޑިސެމްބަރު 10 ކަނޑައެޅީ ކީއްވެ؟

ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަ ކުރީ 1981 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމުގެ ވެރިކަމުގެ ޒައާމަތުގެ ތިންވަނަ އަހަރުއެވެ.

ދައުލަތުން މަސްވެރިންގެ ދުވަހެއް ގައުމީ ފެންވަރުގައި ފާހަގަ ކުރަން ނިންމުމުގެ މައިގަނޑު މަގުސަދަކީ، މަސްވެރިކަމާއި މަސްވެރިންނާއި އަދި މަސްވެރި އާއިލާތަކާމެދު ޒަމާނުއްސުރެން ދިވެހިން ދެކެމުން އައި ގޮތް ބަދަލު ކުރުމެވެ. މަސްވެރިކަމަކީ އަގުހުރި، ޤަދަރުހުރި، ފަޚުރުވެރި މަސައްކަތެއްކަން މުޖުތަމައަށް އަންގައިދިނުމަށެވެ.

އަދި މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، މަސްވެރިންނަކީ، ކަނޑުރޯދި ގެނެސްދޭ މެދުވެރިންކަން ދިވެހިންނަށް ވިސްނައިދިނުމެވެ. އަދިހަމަ އެހެންމެ، އެއީ ދިވެހިންގެ ލެޔާ ގުޅިފައިވާ، ދިވެހިންގެ އިޤްތިޞާދަށް ފައިދާވާ މަސައްކަތެއްކަން ގިނަ ބަޔަކަށް އަންގައިދިނުމެވެ. މީގެ އިތުރުން، މަސްވެރިކަމަކީ އޭރު ދިވެހިންގެ އިޤްތިޞާދުގެ މައިގަނޑު ތަނބު ކަމުގައިވާތީއާއި މަސް އެކްސްޕޯޓު ކޮށްގެން ގައުމަށް ގައުމަށް ބޭރު ފައިސާ ލިއްބައިދޭ މައިގަނޑު ދާއިރާ ކަމަށް ވާތީއެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ޑިސެމްބަރު 10 ވަނަ ދުވަސް ކަނޑައަޅާފައިވާ މައިގަނޑު ސަބަބަކީ، އެއީ މަސްވެރިކަމުގެ ފަހި މޫސުން ފެށޭ ދުވަސް ކަމަށް ވާތީއެވެ. މީގެ އިތުރުން، "ރައްޔިތުންގެ ބޮޑުއިސްޓޯރު" ކިޔާ ވިޔަފާރި ގާއިމު ކޮށްފައިވާ ތާރީހާ ގުޅުވުމަކީވެސް 10 ޑިސެމްބަރު ހިޔާރު ކޮށްފައިވާ މައިގަނޑު ސަބަބެކެވެ.

'ރައްޔިތުންގެ ބޮޑުުއިސްޓޯރު' އެއީ ރާއްޖޭގެ އިޤްތިޞާދު ވޯރާ ވިޔަފާރި ވެރިންގެ އަތްދަށުން މިނިވަން ކުރުމުގެ ގޮތުން، ހަސަން ނޫރައްދީނު ރަދުންގެ ދައުރުގައި ގާއިމު ކުރެވުނު، ދައުލަތުގެ އިދާރާއެކެވެ.

މި ސްޓޯރ ހުޅުވުމުން، ދިވެހިންގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ހިކިމަސް ފަދަ މަހުގެ އުފެއްދުންތައް ގަނެ، އެކްސްޕޯޓު ކުރުމުގެ މަގު ފަހިވެ، ދިވެހިންނަގެ ވިޔަފާރި ތަނަވަސްވެ، ދިވެހިންގެ އުފެއްދުންތަކުގެ ފައިދާ ލިބުމުގެ ފުރުސަތު ފުޅާވެގެން ދިޔައެވެ.

އެހެންކަމުން، 1981 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް، ކޮންމެ އަހަރަކުވެސް ދައުލަތުން މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރެއެވެ. އެގޮތުން މި އަހަރު ފާހަގަ ކުރީ 42 ވަނަ މަސްވެރިންގެ ދުވަހެވެ. މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!