މަސްވެރިކަމާއި ގުޅޭ

Kawakawa tuna - Photo: Tridge

ލައްޓި

ލައްޓި އަކީ ދުރު ސަރަޙައްދުތަކަށް ދަތުރުކުރާ، އިންޑިއާ ކަނޑާއި، ޕެސިފިކް ކަނޑުގެ ހުޅަނގު ބިތުގެ ހޫނު ސަރަޙައްދުތަކުގައި އުޅޭ މަހެކެވެ. މި މަސް އާންމުކޮށް ފެންނަނީ ލޮނުގަނޑުގެ ފިނިހޫނުމިން 18 އާއި 29 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ހުންނަ ސަރަޙައްދުތަކުންނެވެ.

މިއީ ކަނޑުގެ މަތީ ފަށަލައިގައި (ކަނޑުގެ ސަޠުޙުން ފެށިގެން 200 މީޓަރާ ދެމެދު ފުނުގައި) އާންމުކޮށް އުޅޭ މަހެކެވެ. އަދި މިއީ ދިގުމިނުން އެއްވަރުގެ މަހާއެކު އައިން ހަދައިގެން އުޅޭ މަހެކެވެ. ލައްޓި އާންމުކޮށް އައިން ހަދަނީ، ކަޅުބިލަމަހާއި، ކުދި ރީނދޫއުރަހަ ކަންނެލި އަދި ރާގޮނޑިއާ އެކުގައެވެ.

ލައްޓި އެންމެ ބޮޑުވާކަމަށް ބެލެވެނީ 100 ސެންޓިމީޓަރަށެވެ. ނަމަވެސް އާންމުކޮށް ފެންނަނީ 60 ސެންޓިމީޓަރުގެ މަހެވެ. 1994 ވަނަ އަހަރާއި 1996 ވަނަ އަހަރާ ދެމެދު ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބާނައިފައިވާ ލައްޓީގެ%95 ހިއްސާކުރަނީ 26 އާއި 48 ސެންޓިމީޓަރާ ދެމެދުގެ މަހެވެ (އެންޑަރސަން، ވަހީދު އަދި އާދަމް 1998).

މިހާތަނަށް ލައްޓީގެ އެންމެ ބަރު މަހަކަށް ރިޕޯޓުކުރެވިފައިވަނީ 14 ކިލޯގެ މަހެކެވެ. އެންމެ އާންމުކޮށް ފެންނަނީ 40 ސެންޓިމީޓަރާއި 60 ސެންޓިމީޓަރާ ދެމެދުގެ މަހެވެ. އަދި މި މަސް ބިސް ދޫކުރާކަމަށް ބެލެވެނީ ގާތްގަނޑަކަށް 8.39 ސެންޓިމީޓަރަށް ބޮޑުވުމުންނެވެ. ލައްޓި އާއިލާގެ މަހަކީ މޫސުމީގޮތުން ބިސް ދޫކުރާ މަހެކެވެ. އަދި މިފަދައިން ބިސް ދޫކުރާ މޫސުން އެކި ސަރަޙައްދުގައި ތަފާތުވެއެވެ. ވަކި މޫސުމެއްގައި ބިސް ދޫކުރި ނަމަވެސް، ވިހާ އުމުރުގެ މަސް މުޅި އަހަރުތެރޭގައިވެސް ފެނެއެވެ.

ލައްޓީގެ އާންމު ކާނާއަކީ ކުދި މަހާއި، ކަކުނި ފާޑުގެ ސޫތްޕާއި ބޯވަދިލަމަހެވެ.

ސައިންޓިފިކް ނަން: Euthynnus affinis
އިނގިރޭސި ނަން: Kawakawa
ދިވެހި ނަން: ލައްޓި

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!