އެމެރިކާގައި މިޔަރު އުރަހައިގެ ވިޔަފާރި މަނާކުރުމާއި ގުޅޭ ބިލް، 'ޝާކު ފިން ސޭލްސް އެލިމިނޭޝަން އެކްޓް' ފާސްކޮށްފިއެވެ.
މި ބިލް ތަސްދީޤުކުރުމަށް މިހާރު ވަނީ އެޤައުމުގެ ރައީސް ޖޯ ބައިޑަންއަށް ފޮނުވާފައެވެ. ޖަނަވާރުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ގިނަ ބަޔަކުވަނީ މިކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މިޔަރުގެ އުރަހައިގެ ވިޔަފާރި ކުރުމަކީ ވަރަށް އިހާނެތި ކަމެއްގެ ގޮތުގައި އެފަރާތްތަކުން ދެކެއެވެ. އަދި މިހާރު މި ބިލް ފާސްވެގެން ދިޔުމުން ކުރިމަގުގައި އެމެރިކާގައި މީގެ ވިޔަފާރިކުރުން މަނާވާނެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރަކު 73 މިލިއަން މިޔަރުގެ އުރަހަ ވިޔަފާރީގެ ބޭނުމަށް ނައްތާލައެވެ. އަދި ގިނަ ފަހަރަށް މިޔަރުތަކުގެ އުރަހަ ނެގުމަށްފަހު މޫދަށް އެއްލާލަނީ ދިރި ހުއްޓާއެވެ. އުރަހަ އާއި ނުލާ މޫދުގެ އެންމެ އަޑިއަށްގޮސް މިޔަރު މަރުވަނީ ވަރަށް ވޭނުގައެވެ.