ކޫއްޑޫ ބަނދަރަށް އިތުރު ކުރެވޭ ސަރަހައްދު، ކުރިއަށްއޮތް ދެ ހަފްތާ ތެރޭގަ މޮބިލައިޒް ކުރެވޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ،
ފައުޒީ މިހެން ވިދާޅުވީ، ރާއްޖެޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ކޫއްޑޫ ބަނދަރަށް އަލަށް އިތުރުކުރެވޭ 400 ފޫޓާއެކުއެކު، މަސްކިރާ ޕޮއިންޓުތައް އިތުރުކުރެވި، މަސްވެރި މޫސުމުގައި ކަލެކްޓަރ ވެސަލް އަންލޯޑުކުރުމުގައި މަޑުޖައްސަން ޖެހޭ ޖެހުންވެސް ނިމުމަކަށް އަންނާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.
"ސައުދީ ފަންޑުގަ އަޅުގަނޑުމެންގެ ޑިވޮލޮޕްމަންޓް ޕްލޭންކޮށްފަ އޮތީ. ކޫއްޑޫގަ މިހާރު އޮތް ބަނދަރު އިތުރަށް ބޮޑުކޮށް، މަސްވެރިންނަށް ފަހި ބަނދަރަކަށް އެތަން ހަދަން. އަދި މަސް ކިރުމުގެ ނިޒާމު އަވަސްކުރަން އަޅުގަނޑުމެން އެއްފަހަރާ އިތުރު ދޯނިފަހަރު އެތާގަ އޮޕަރޭޝަންގަ މަސް ކިރޭނެ އިންތިޒާމު ހަމަޖައްސަން އެމްޓީސީސީއާއެކު ސަރުކާރުން ސޮއިކޮށްފަ ވީ، ސައުދީ ފަންޑުގެ ތެރެއިން. އެހެންވީމަ އަޅުގަނޑުމެން އުންމީދު ކުރަނީ، ކުރިއަށްއޮތް ދެ ހަފްތާ ތެރޭގަ މޮބިލައިޒްވާނެ ކަމަށް. މިހާރު ސޮއިކޮށްފަ ކުރިއަށް އެބަދޭ ހުރިހާ މަރުހަލާއެއްވެސް. އިތުރު 400 ފޫޓުގެ ބަނދަރެއް ކޫއްޑޫއަށް އިތުރު ކުރެވޭނެ، މިހާރު އޮތް 300 ފޫޓުގެ ޖާގައިގެ އިތުރަށް،" ފައުޒީ ވިދާޅުވިއެވެ.