ފިރިމީހާ މަސް ބޭނުމަށް މާބޮޑަށް ދެވި ހިފާފައިވާތީ އޭނާ ކައިރިން ވަރިވުމަށް އޭނާގެ އަންހެނުން ސިޓީ ލައިފިއެވެ.
ޗައިނާގެ ޝަންގޑޮންގް ޕްރޮވިންސްގައި ހިނގި މި ހާދިސާގައި ވަރިވުމަށް ސިޓީލުމުން ކޯޓުގައި ހާޒިރުވާންވެސް ފިރިމީހާއަށް ވަގުތެއް ނުވިއެވެ. ސަބަބަކަށް ވީ އެގަޑީގައިވެސް އޭނާ މަހަށް ގޮސްފައިވުމެވެ.
ކައިވެންޏަށް 10 އަހަރު ފުރިފައިވާއިރު، ފިރިމީހާ އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ މަސް ބޭނުމަށެވެ. މި ސަބަބާއި ހެދި ދަރިން ބެލުމާއި ގޭތެރޭގެ ހުރިހާ ކަމެއް އަންހެން މީހާ ކުރަން ޖެހުނީ އެކަންޏެއެވެ.
ސައުތު ޗައިނާ މޯނިންގ ޕޯސްޓުގައި ކޯޓު މައްސަލައާ ހަވާލާދީ ބުނެފައިވަނީ، ވަރިވުމަށް ސިޓީ ލާފައިވާ އަންހެން މީހާގެ ނަމަކީ ޖާންގ ކަމަށެވެ. އަދި އޭނާ ވަރިވުމަށް އެދިފައިވަނީ މުޅި ދުވަހު ބުރަކޮށް އެކަނި އުޅެން ޖެހުމުންނެވެ.
ފިރިމީހާ ވަޒީފާއަކަށް ނުދާ އިރު، އޭނާ ގޭތެރޭގެ އެއްވެސް ކަމެއްގެ އެހީތެރިވެ ނުދެއެވެ. އަދި ގިނަ ވަގުތު ހޭދަކުރަނީ މަސް ބޭނުމުގައެވެ.
އެދެމީހުން ވަރިކޮށްދެމުން ގާޒީ ބުނެފައިވަނީ، މަސް ބޭނުމަށް ޝައުގުވެރިކަން ހުރުމަކީ ގޯސް ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެއްވެސް ކަމަކީ އޭގެ ހައްދުން ބޭރުވުމުން ރަނގަޅު ކަމެއް ނޫން ކަމަށާއި، ކައިވެނިކޮށްގެން އުޅޭއިރު، އާއިލާއަށް ވަގުތު ދިނުމަކީ މުޙިއްމު ކަމެއްކަން ގާޒީ ފާހަގަކުރިއެވެ.
2020ވަނަ އަހަރު ޗައިނާގައި ކުރިއަށް ގެންދިޔަ ސަރވޭއަކުން ދައްކާގޮތުން، އަންހެން މަސައްކަތްތެރިން ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތްތަކުގައި ފިރިހެނުންނަށް ވުރެ ދެގުނު އިތުރަށް އުޅެއެވެ. އެގޮތުން އެވްރެޖްކޮށް 154 މިނެޓު ދުވާލެއްގެ މައްޗަށް ގޭތެރޭ މަސައްކަތްތަކުގައި ހޭދަކުރާ ކަމަށް އެ ސަރވޭއިން ދައްކައެވެ.