ކަނޑުއޮތްގިރި މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ޝަމްއާން ޝާކިރު
ކަނޑުއޮތްގިރި މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ޝަމްއާން ޝާކިރު

ކަނޑުއޮތްގިރިއަކީ ޒުވާނުން މަސްވެރިކަމުގެ ސިނާއަތަށް ނެރެން ވަރަށް ރަނގަޅު ވަސީލަތެއް: ފައުޒީ

ކަނޑުއޮތްގިރިއަކީ ޒުވާނުން މަސްވެރިކަމުގެ ސިނާއަތަށް ނެރެން ވަރަށް ރަނގަޅު ވަސީލަތެއް ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ފައުޒީ މިހެން ވިދާޅުވީ، ރާއްޖެޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ފައުޒީ ވިދާޅުވީ، ކަނޑުއޮތްގިރީގައިވެސް މިހާރު މިފްކޯއިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެރަށުގެ މަސައްކަތް ނިމުމުން ޒުވާނުން މި ސިނާއަތަށް ވަނުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި އަދި މަސްވެރިންނަށް އެރަށަށް ވަނެ ނުކުމެ ހެދުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

"ކަނޑުއޮތް ގިރީގަ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން އެބަ ކުރޭ. އެހެންވީމަ ކަނޑުއޮތްގިރި، ޕެކިން ފެސިލިޓީއެއް ގޮތަށް، ޒުވާނުން މި ސިނާއަތަށް ނެރެން ވަރަށް ރަނގަޅު ވަސީލަތަކަށް ވާނެ. އޭގެ ތެރޭގަ އަޅުގަނޑުމެންގެ އިތުރު ޕްރޮޑަކްޓްތައް މާކެޓަށް ނެރުމަށް އެތާގެ ޕްރޮޑަކްޝަން ކެޕޭސިޓީ އިތުރު ކުރުމަށް އަޅުގަނޑުމެން ކަނޑުއޮތްގިރީގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނެ،" ފައުޒީ ވިދާޅުވިއެވެ.

ކަނޑުއޮތްގިރީގެ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ކަނޑުއޮތްގިރި ބަނދަރު ތަރައްޤީ ކުރަން އެމްޓީސީސީއަށް

ކަނޑުއޮތްގިރިއަކީ މިފްކޯގެ ބެލުމުގެދަށުގައި އޮންނަ ރަށެކެވެ. އަދި މިރަށަކީ އެކުންފުނިން ބާޒާރަށް ނެރޭ އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ ރަށެކެވެ.

އެގޮތުން ކަނޑުއޮތްގިރީގައި މިހާރު ގާއިމްކުރެވިފައިވާ ފެސިލިޓީއަކީ ބޮޑު ކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްޤީކުރެވިފައިވާ ފެސިލިޓީއެއެއްކަމުގައި ވީނަމަވެސް ކަނޑުއޮތްގިރީގެ ބަނދަރު ތިލަވެ އެއްގަމު ތޮށި ހަލާކުވެފައިވުމާއެކު، އޮޑިދޯނިފަހަރަށް މި ބަނދަރު ބޭނުންކުރުމާއި މި ފެސިލިޓީގެ ފުރިހަމަބޭނުން ހިފުމަށް ވަނީ ދަތިކަމަކަށްވެފައެވެ.

މި ބަނދަރު ތަރައްޤީކޮށް ނިމުމާއެކު، މިފްކޯގެ އިތުރުން މަސްވެރިންގެ އޮޑިދޯނިފަހަރަށްވެސް މި ބަނދަރު ބެނުންކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންގޮސް ރައްޖޭގެ މަސްވެރިކަމުގު ސިނާއަތަށް ހެޔޮބަދަލެއް އަންނާނެކަމަށް ބެލެވެއެވެ.

މި މަޝްރޫޢުގެ ދަށުން، 10000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 10000 މީޓަރުގެ ނެރު ފުންކުރުމާއި، 125 މީޓަރު އެއްގަމު ތޮށި އަދި 50 މީޓަރުގެ ބޭރުތޮށި ލުމާއި، 63 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 215 މީޓަރުގެ ޝީޓް ޕައިލް ކުރުމާއި، ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމާއި، ލޮނުފެނާއި ރީތިފެން ލިބޭނެ ފެންލައިން އެޅުމުގެ އިތުރުން އީ.އައި.އޭ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 36 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސް ތެރޭއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!