ސީޝެލްސްގައި އަތުލައިގަތް 100 ކިލޯއަށްވުރެ ގިނަ ވެލާ މަސް ނައްތާލައިފިއެވެ. މި ވެލާ މަހަކީ މިދިޔަ ނޮވެމްބަރު މަހުގެތެރޭ ބޯޓެއް ބަލާ ފާސްކުރުމުގެ ތެރޭގައި އަތުލައިގަނެފައިވާ ތަކެއްޗެވެ.
ވެލާމަސްތަކުގެ ބަރުދަނުގައި ޖުމްލަ 117 ކިލޯ ހުރި އިރު، މިކަމުގައި ކުށްވެރިވާ ފަރާތްތަކުގެ މައްސަލަ މިހާރު އޮތީ ކޯޓުގައެވެ. ވެލާ މަސްތައް ނައްތާލާފައިވަނީ ފުލުހުންނާއި، އެންވަޔަރަމަންޓު މިނިސްޓްރީގެ އޮފިސަރުންގެ ހާޒިރުގައި ސީޝެލްސް ހޮސްޕިޓަލްގެ އިންސެނެރޭޓަރގެ އެހީގައެވެ.
ސީޝެލްސްގެ އެންވަޔަރަމެންޓު މިނިސްޓްރީން ހާމަކުރާގޮތުގައި 117 ކިލޯގެ ވެލާ މަސް އަތުލައިގަނެވުމަކީ އަހަރުގެ ރެކޯޑެއް ކަމަށެވެ. އަދި މި މައްސަލަ ބަލަމުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި، އާއްމުންނަށް މިއީ ބޮޑު ކުށެއްގައި ދައްކައިދޭން ބޭނުންވާ ކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ.
އަދި ވެލާ މަސްތައް ފެނުނު އިރު ހުރީ ކުދިކޮށް ކޮށާފައި ކަމުން، އެއީ ކިތައް ވެލާ މަރައިގެން އެއްކޮށްފައިހުރި މަސްކަން ސާފެއް ނުވެއެވެ.
މިދުވަސްވަރަކީ ސީޝެލްސްއަށް އެންމެ ގިނަ އަދަދަކަށް ވެލާތައް ބިސް އެޅުމަށް އަރާ ދުވަސްވަރެވެ. މިއާއެކު އާއްމުންގެ މީހުންވެސް ވެލާތައް ކެއުމަށްޓަކައި މަރަމުންދާ ކަމުގެ ރިޕޯޓުތައް ލިބޭ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެއެވެ.