ތުރުކީގައި ދެ ބޯ ލީ ކަހަނބެއް ފެނިއްޖެއެވެ. ތުރުކީގެ އަންޓަލްޔާ ޕްރޮވިންސުން ފެނުނު މި ކަހަނބު މިހާރު އޮތީ ވެޓިރިނަރީ ކުލިނިކެއްގައެވެ.
ސައިޒުން ވަރަށް ކުޑަ މި ކަހަނބު ފެނިފައިވަނީ އާއްމު މީހަކަށް މަގުމަތިންނެވެ. އޭނާވަނީ މީތި ވަގުތުން ކުލިނިކަށް ގެންގޮސްފައެވެ. ކުލިނިކާއި ހަވާލުވެ ހުރި އެރްކަން ބުނީ ކަހަނބުގެ ސިއްހަތު ރަނގަޅު ކަމަށެވެ. އަދި މިކަހަލަ ކަހަނބެއް އޭނާއަށްވެސް ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށާއި، ބޭނުންވަނީ ކްލިނިކުގެ ބެލުމުގެ ދަށުން އޭތި ބަލާ ބޮޑު ކުރަން ކަމަށެވެ.
އަނަދޮލޫ އެޖެންސީއަށް ދިން އިންޓަރވިއުއެއްގައި އެރްކަން ބުނީ، ކެއުމުގައި އޭގެ ދެ ބޯ ވެސް ބޭނުން ކުރާ ކަމަށެވެ. އަދި މި ކަހަނބަށް އާއްމުންގެ ބޮޑު ޝައުގުވެރިކަމެއް ލިބިފައިވާ ކަމަށާއި، ގިނަ ބަޔަކު އޭތި ދެކިލަން އަންނަ ކަމަށެވެ.
އަދި ބައެއް މީހުން މިފަދަ ކަހަނބެއް ފެނުމަކީ އަތްމަތި ތަނަވަސްވުމުގެ އަލާމާތެއްގެ ގޮތުގައި ދެކޭކަމަށްވެސް އެރްކަން ބުނިއެވެ.
ކަހަނބުގައި ދެ ބޯ ހުރުމަކީ އޭގައި ޖެނެޓިކް އެނޯމަލީއެއް ހުރުމުގެ ނިޝާނެކެވެ. ބައެއް ސައިންސްވެރިން ދެކޭގޮތުގައި މިއީ އޭގެ ވަށައިގެންވާ ތިމާވެށީގައި ހުންނަ ބައެއް ކަންތައްތަކުގެ ސަަބަބުން ދިމާވާ ކަމެކެވެ.



