މާ ބޮޑަށް ސްޓްރެސްވުމުގެ ސަބަބުން، ސައުތު އެފްރިކާގެ ބީޗަކަށް ލެއްގި ދެ ބޮޑުމަސް މަރުވެއްޖެއެވެ.
ސައުތު އެފްރިކާގެ މޮސެލްބޭގެ ޑިއޭޒް ބީޗަށް ލައްގާފައިވަނީ ހަތަރު ބޮޑު މަހެވެ. މީގެތެރޭގައި ޅަ ފުރައިގެ މަހެއްވެސް ހިމެނެއެވެ.
މި މަސްތައް ސަލާމަތްކުރުމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޓީމަކުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް މާ ބޮޑަށް ސްޓްރެސްވުމުގެ ސަބަބުން އޭގެ ތެރެއިން ދެ ބޮޑުމަސްވަނީ މަރުވެފައެވެ. އަދި ބާކީ ދެ މަސްވެސް ސަލާމަތްކުރެވޭނެ ގޮތެއް ނެތުމުން ވަނީ މަރާލާފައެވެ.
މޮސަލް ބޭގެ ޑިޕާޓްމަންޓު އޮފް ފޮރެސްޓްރީ ފިޝަރީޒް އެންޑު އެންވަޔަރަމެންޓަލް އެފެއަރޒްއިން ހާމަކުރާގޮތުގައި މި މަސްތައް ވަޅުލުމުގެ ކުރިން އޮޓޮޕްސީއެއް ހަދާނެ ކަމަށެވެ.
ޑިއޭޒް ބީޗަކީ ގިނަ އަދަދެއްގެ ބަޔަކު މޫދަށް ދާ ތަނަކަށްވާއިރު، ބޮޑު މަސްތައް ލެއްގުމާއި އެކު އެ ބީޗުވަނީ އާއްމުންނަށް ބަންދުކޮށްފައެވެ. އަދި މީގެ އިތުރުން ބޮޑު މަސްތައް ފެނުމާއި އެކު އެ ހިސާބުން މިޔަރުވެސް ފެނިފައިވާތީ މޫދަށް ދާ ފަރާތްތަކަށްވަނީ ސަމާލުވުމަށް އިލްތިމާޒްކޮށްފައެވެ.