ކުރިއަށް އޮތް ދެތިންމަސް ތެރޭގައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ވަގުތީ ހައްލު ލިބިގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ހުވަދު އަތޮޅުގެ ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ގއ. ދާންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ފެނަކަ މެދުވެރިކޮށް ކްރެޑިޓަށް އައިސް ވިއްކުމާއި، މަސްވެރިން ބޭނުންވާ މިންވަރަށް އެސްޓީއޯ މެދުވެރިކޮށް ތެޔޮ ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.
"ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ، އެސްޓީއޯ މެދުވެރިކޮށް މަސްވެރިން ބޭނުންވާ ވަރަށް ތެޔޮ ލިބިގެންދާނެ. ދެތިންމަސް ތެރޭ މަސްވެރިންގެ ކަންކަމަށް ވަގުތީ ހައްލު ލިބިގެންދާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކްރެޑިޓަށް ވެސް ތެލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ އެވެ.