ތައިލޭންޑަށް ޗުއްޓީއަށްގޮސް އުޅުނު މީހަކަށް އާދަޔާ ހިލާފު ބޮޑު ކެޓްފިޝްއެއް ބޭނިއްޖެއެވެ. އޭނާ ބޭނީ ކެޓްފިޝްގެ ދިގު މިނުގައި ހަތް ފޫޓު ހުރި އިރު، ބަރުދަނުގައި 190 ކިލޯ ހުރި ކަމަށެވެ.
ސްކޮޓްލޭންޑުގެ ރައްޔިތެއްކަމުގައިވާ ޑީން ބުނީ އޭނާ މިމަސް ބޭނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ. އަދި މަސް އެއްގަމާއި ހަމައަށް ގެނައުމަށް ދޮޅު ގަޑިއިރު ހޭދަވި ކަމަށް ޑީން ބުންނެވެ.
ޑީން ބުނީ އޭނާ ކުރިންވެސް ކެޓްފިޝްއެއް ބާނާފައިވާތީ މިއީ ބުރަ ކަމެއްކަން އެނގުނު ކަމަށެވެ. އަދި ދޫ ނުދީ ގިނަ އިރުތަކެއްވަންދެން މަސް އެއްގަމާއި ހަމައަށް ގެނައުމަށް މަސައްކަތްކުރި ކަމަށެވެ.
ޑީންވަނީ އިތުރު ދެ މީހެއްގެ އެހީތެރިކަމާއި އެކު އެމަހުގެ ދިގުމިނާއި ބަރުދަން ބަލާ، އަދި އެ މަހާ އެކު ފޮޓޯއެއް ނެގުމަށްފަހު އަނބުރާ ކޯރަށް ދޫކޮށްލާފައެވެ. އެހިސާބުގައި މަސްވެރިކަމުގެ ވިޔަފާރިއެއް ހިންގާ ފަރާތަކުން ބުނާގޮތުގައި މިއީ އެ ކޯރުން މިހާތަނަށް ފެނުނު އެންމެ ބޮޑު ކެޓްފިޝްއެވެ. އަދި މިއީ މުޅި ތައިލެންޑުގައިވެސް ބާނާފައިވާ އެންމެ ބޮޑު ކެޓް ފިޝްއަށް ވުން އެކަށީގެންވާ ކަމަށްވެސް އޭނާ ބުނިއެވެ.
ގިނިސް ބުކް އޮފް ރެކޯޑްސްއިން ދައްކާގޮތުގައި، 2005ވަނަ އަހަރު، ތައިލޭންޑުގެ ދެކުނުގެ ހިސާބެއްގައި ވަނީ ނުވަ ފޫޓުގެ ކެޓްފިޝްއެއް ބާނާފައެވެ. އެ ކެޓްފިޝްއަކީ ކޯރަކުން މިހާތަނަށް ބާނާފައިވާ އެންމެ ބޮޑު ކެޓްފިޝްއެވެ.