ބްރެޒިލްގެ މަސްވެރިއެއް ކަނޑުމައްޗަށް ގެއްލުނުތާ 2 ދުވަސްފަހުން ސަލާމަތްކޮށްފިއެވެ.
އޭނާ ފެނިފައިވަނީ ސައުތު އެޓްލާންޓިކް ކަނޑުގެ ސަރަހައްދުން ބޮއެއްގައި އެލިގެން އޮތްވައެވެ. އޭނާ ސަލާމަތްކުރާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.
ޑޭވިޑު ސޯރެސް ނަމަކަށް ކިޔާ މި މަސްވެރިއާ ސަލާމަތްކޮށްފައިވަނީ މަހަށް ނިކުމެ އުޅުނު އެހެން މީހެކެވެ. އެގޮތުން އޭނާ ފެނުނީ ރިއޯ ޑި ޖެނޭރޯއާއި 200 މޭލު ދުރުންނެވެ.
ސޯރޭޒް ކަނޑުމައްޗަށް ގެއްލެން މެދުވެރިވި ސަބަބަކީ އޭނާ އެކަނި މަހަށް ނިކުމެ އުޅުމުގައި ބޯޓުން ކަނޑަށް ވެއްޓި އަނބުރާ އަމިއްލައަށް ބޯޓަށް އެރޭގޮތް ނުވުމެވެ.
&;
ސޯރޭޒް ގެއްލިގެން އޭނާ ހޯދުމަށް ކަމާއި ގުޅޭ ފަރާތްތަކުން ކުރި މަސައްކަތުން އޭރުވަނީ އޭނާ މަހަށް ނިކުތް ބޯޓު ފެނިފައެވެ.
ސޯރޭޒް ބުނިގޮތުގައި އޭނާ މޫދުގައި ސަލާމަތްވުމަށް ކުރަމުންދިޔަ މަސައްކަތާއި އެކު، ވަރަށް ދުރުން ބޮއެތަކެއް ފެނުނު ކަމަށެވެ. އަދި އެ ބޮއެތަކާއި ހަމައަށް ދާން 4 ގަޑިއިރު ނެގި ކަމަށާއި، އެޔަށް އަރަންވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.
އެގޮތަށް 2 ދުވަސް ހޭދަކުރިއިރު، ސަލާމަތްވާނެ ކަމާއިމެދު ކުރެވުނު އުއްމީދު ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ކުޑަވަމުން ކަމަށްވެސް ސޯރޭޒް ބުންޏެވެ.