ffd

ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އޮތް ނުރައްކާ މި ވީޑިއޯއިން!

ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އޮތް ނުރައްކަލުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް މިކަމުގެ ސަބަބުން މަސްމަހާ މެއްސާއި ކަނޑުގެ އެހެން ދިރުންތަކަށްވެސް ކުރާ އަސަރު ލޮލަށް ފެންނާނީ މަދު ފަހަރަކުއެވެ.

ފީނަން އުޅުނު ފަރާތަކުން ވަނީ މި ފަދަ މަންޒަރެއް ރެކޯޑުކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ވީޑިއޯއިން ފެންނަނީ ޕްލާސްޓިކް ކޮތަޅެއްގައި ތާށިވެ، ސަލާމަތްވުމަށް ތެޅި ތެޅި އޮންނަ މަހެކެވެ.

އަދި ފީނަން އުޅުނު މީހާއަށް އެ މަސް ފެންނަ އިރު އޮންނަނީ ކަނޑުގެ އަޑީގައެވެ. އެމީހާ ވަނީ އެ ޕްލާސްޓިކް ކޮތަޅުން މަސް ސަލާމަތްކޮށްފައެވެ. އެއާ އެކު މަސް މިނިވަންކަމާއި އެކު ދުވެގަނެއެވެ.

ޓުވިޓާގައި މި ވީޑިއޯ ހިއްސާކޮށްފައިވަނީ 'ދަ ޕަރލް ޕްރޮޓެކްޓާސް'ގެ ފަރާތުންނެވެ. އެމީހުންނަކީ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ސްރީލަންކާއަށް ނިސްބަތްވާ ޖަމިއްޔާއެކެވެ.

ޕަރލް ޕްރޮޓެކްޓާސްއިން އަންނަނީ ސްރީލަންކާގެ ކަނޑުގެ ސަރަޙައްދުތަކާއި ބީޗުތައް ސާފުކުރުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.

އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންސަރވޭޝަން އޮފް ނޭޗަރގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 14 މިލިއަން ޓަނުގެ ޕްލާސްޓިކް މޫދަށް ދޫވެއެވެ. އަދި މޫދަށް ދޫވާ ކުނިބުނީގެ ތެރެއިން %80 އަކީ ޕްލާސްޓިކް ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!