ޤަވާއިދާއި ހިލާފަށް ޤައުމުން ބޭރުކުރަން އުޅުނު ކަމަށް ޝައްކުކުރެވޭ ކަންޒު ކަހަބުތަކެއް އިންޑިއާގެ ރެއިލްވޭ ފުލުހުން އަތުލައިގަނެފިއެވެ.
މި ކަހަބުތައް އަތުލައިގަނެފައިވަނީ ގޮއްޑާ- އަސަންސޮލް އެކްސްޕްރެސް ޓްރެއިންއިނުންނެވެ. ޖުމްލަ 27 ކަހަބު އަތުލައިގަނެވިފައިވާއިރު، މި އެއްޗެހި ހުރީ ދަބަހެއްގައި ރައްކާކޮށްފައެވެ.
ކަހަނބުތައް ފެނިފައިވަނީ އާއްމު އުސޫލުން ރޭލަށް އަރުވާފައިހުރ ލަގޭޖްތައް ޗެކްކުރުމުގެ ތެރޭގައެވެ. ކަހަނބުތައް އަތުލައިގަނެވުނު ނަމަވެސް އެތަކަތި ޤައުމުން ބޭރުކުރަން އުޅުނު ފަރާތުންވަނީ ފިލާފައެވެ.
އޮފިޝަލުން ލަފާކުރާ ގޮތުގައި އެމީހާ މަސައްކަތް ކޮށްފައިވަނީ ކަހަނބުތައް އަސަންސޯލްއަށް ގެންދިޔުމަށްފަހު، ބޭރު ޤައުމަކަށް އެ އެއްޗެހި ފޮނުވުމަށެވެ. ކަހަނބުގެ ވިޔަފާރި މިގޮތަށް ކުރުމަކީ އިންޑިއާގައި މަނާ ކަމެކެވެ.
އެހެން ނަމަވެސް އެޤައުމުގައި ގިނަ އަދަދެއްގެ ކަހަނބު އުޅޭތީ، އެތަކެތީގެ ވިޔަފާރި ޤަވާއިދާ ހިލާފަށް ކުރާ މީހުންގެ އަދަދު ގިނައެވެ.
ބޭރު ޤައުމުތަކުގައި މި ތަކެއްޗަށް ރަނގަޅު ޑިމާންޑެއް އޮތުމަކީވެސް މި ވިޔަފާރި މިހާ ފުޅާކޮށް ކުރިއަރަމުންދާ ކަމުގެ އެއް ސަބަބުކަމަށްވެސް އޮފިޝަލުން ހާމަކުރެއެވެ.