އޮސްޓްރޭލިއާގެ ބީޗަކަށް ލެއްގި މިޔަރެއް ސަލާމަތްކުރި މީހަކަށް ގިނަ ބަޔަކު ދަނީ ތައުރީފްކުރަމުންނެވެ.
ޕޯލްސް މައިލްސް ނަމަކަށް ކިޔާ މި މީހާ އަށް މިޔަރު ފެނުނީ ރާޅާ އެޅުމަށް ބީޗަށް ގޮސް އުޅުމުގެތެރޭގައެވެ. ފުރަތަމަ އޭނާ މަސައްކަތްކުރީ ސަރފް ބޯޑުން އޭތި ކޮއްޕަމުން ގޮސް ފުން ހިސާބަށް ގެންދެވޭތޯއެވެ. އެހެން ނަމަވެސް އެގޮތަށް އޭތި ގެންދިޔުމަށް ގިނަ ވަގުތުތަކެއް ނަގާނެތީ އާއި މިޔަރު އެހާ ގިނަ އިރު ފެނުން މަތީގައި އޮންނަން ޖެހުމުން ބަލިކަށިވެފައިވާކަން ފާހަގަކުރެވޭތީ އޭނާ ނިންމީ މިޔަރު އަތަށް ނަގައިގެން ފުން ހިސާބަށް ގެންދިޔުމަށެވެ.
މިޔަރަކީ އިންސާނުން ކައި އުޅޭ އެއްޗަކަށްވާއިރު، މިފަދަ ކަމެއް ކުރަން ކެރުމަކީ މައިލްސްގެ ހިތްވަރުގަދަކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މައިލްސް ބުނިގޮތުގައި ބޮޑަށް ބެލެވެނީ އެއީ ބްލޫ ޝާކެއް ކަމަށެވެ. އަދި އޭގެ ބަރުދަނުގައި 20 ކިލޯ ހުންނާނެ ކަމަށްވެސް މައިލްސް ބުންޏެވެ.
މައިލްސްވަނީ މިޔަރު ފުން ހިސާބަކަށް ގެންގޮސް ދޫކޮށްލާފައެވެ. އެހެންނަމަވެސް އޭގެ ހާލަތު އޭރު އެހާ ރަނގަޅު ނޫން ކަމަށްވެސް މައިލްސް ބުންޏެވެ.
މައިލްސްއަށް ގިނަ ބަޔަކު ދަނީ ތައުރީފްކުރަމުންނެވެ. އަދި މިއީ އާއްމު މީހަކަށް ކުރަން ނުކެރޭނެ ފަދަ ކަމެއްކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.