މިފްކޯގެ ސައިޓުތަކުން މަސްވެރިންނަށް ތެޔޮ ވިއްކުމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިފްކޯގެ ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެޔޮ ވިއްކުމަށް އެއްބަސްވީ އިއްޔެއެވެ.
މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީއެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޤަސަމްއެވެ.
މި އެއްބަސްވުމާއެކު، އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފެލިވަރު ފިޝަރީޒް ކޮމްޕްލެކެސްއިން ވެސް ތެޔޮ ވިއްކަން ފަށާނެ ކަމަށް މިފްކޯއިން ބުންޏެވެ.
މިކަމާ ގުޅިގެން މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ދަތިކަމެއް ނެތި މިފްކޯގެ ސައިޓުތަކުން މަސްވެރިންނަށް އަބަދުވެސް ތެޔޮ ލިބޭނެ ކަމުގެ ޔަގީންކަންދީ، ތެޔޮ ވިއްކުމުގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.
އަދި ބައެއް ހާލަތްތަކުގައި ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަން ޖެހުމުން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދެވޭނެ ކަމަށް ވެސް މިފްކޯއިން ބުނެ އެވެ.
މި ބަދަލާއެކު، ދޯނިތަކުން އެފްއެސްއެމްއާއެކު ކްރެޑިޓް އެއްބަސްވުމެއް ހަދާނެ ކަމަށާއި، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ދޯނިފަހަރަށް ކްރެޑިޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ބުންޏެވެ. އަދި މަހުގެ ބިލުން ތެލުގެ ފައިސާ ކެނޑުމުގެ ބަދަލުގައި ދޯނިފަހަރުން ކްރެޑިޓް މުއްދަތުގެ ތެރޭގައި ތެލަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހޭނީ ސީދާ އެފްއެސްއެމަށެވެ.