ޔޫރަޕިއަން ޔޫނިއަނުގެ ޔެލޯ ކާޑުން ސަލާމަތްވުމަށް ވިއެޓްނާމް ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށައިފިއެވެ.
ޔޫރަޕިއަން ޔޫނިއަން، އީ.ޔޫއިން އެންމެ ފުރަތަމަ ވިއެޓްނާމާއި ދެކޮޅަށް ޔެލޯ ކާޑު އިޝޫކޮށްފައިވަނީ 2017ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު އެޤައުމާއި ދެކޮޅަށް މި ފިޔަވަޅު އަޅާފައިވަނީ ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަމާއި ދެކޮޅަށް އެދެވޭ މަސައްކަތްތަކެއް ކޮށްފައި ނުވަތީއެވެ. ޔެލޯ ކާޑަކީ ދޭ އިންޒާރެކެވެ. މިއީ ކަންތައްތައް ރަނގަޅު ކުރުމަށް ޤައުމަކަށް ދެވޭ އިތުުރު ފުރުސަތެކެވެ.
އީ.ޔޫއިން މިހާރު ތައްޔާރުވަމުންދަނީ ޔެލޯ ކާޑު ސްޓޭޓަސް ރިވިއުކުރުމަށެވެ. އެގޮތުން ޔެލޯ ކާޑު އުވާލާ އާއްމު އުސޫލުން ވިޔަފާރީގެ ގުޅުންތައް ބާއްވާނީތޯ، ޔެލޯ ސްޓޭޓަށް ދަމަހައްޓާނީތޯ ނުވަތަ ރަތް ކާޑު އިޝޫކުރާނީތޯ މި ރިވިއުއަށް ފަހު ނިންމާނެއެވެ. ރަތް ކާޑު އިޝޫ ކޮށްފި ނަމަ ވިއެޓްނާމުގެ އެއްވެސް ސީފުޑްގެ ބާވަތެއް އީ.ޔޫގެ ގައުމުތަކަކަށް އިމްޕޯޓެއް ނުކުރާނެއެވެ.
ރެޑް ކާޑެއް އިޝޫކޮށްފި ނަމަ ވިއެޓްނާމަށް އަހަރެއްގެ މައްޗަށް 387 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެއެވެ. އެހެންކަމުން ޤައުމުގައި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް އެކުލަވާލައި އެކަންތައްތަކަށް އަމަލީ ސިފައެއް ގެނައުމަށް ވިއެޓްނާމް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.