މަސްވެރިކަމާއި ގުޅޭ

Masverin Masbaanany

ނިމިގެންދިޔަ 2022ވަނަ އަހަރަކީ މަސްވެރިކަމުގެ އާ ރިކޯޑްތަކެއް ހެދި އަހަރެއް!

ނިމިގެންދިޔަ 2022 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގައި ވަރަށް ކާމިޔާބު އަހަރެކެވެ. މަސްވެރިކަން ވަަރަށް ރަނގަޅު އަހަރެކެވެ. ރާއްޖޭގައި އެންމެ ގިނަ މަސްވެރިކަން ކުރާ ދޮށީގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ރިކޯޑްތަކެއް ހެދި އަހަރެކެވެ. ދޯނިފަހަރުން އެ ދޯނިފަހަރުގެ އަމިއްލަ ރިކޯޑް އާކުރިއިރު ރާއްޖޭގެ ރިކޯޑްތައްވެސް ވަނީ މުގުރާލާފައެވެ. އަދި މިފްކޯގެ ތާރީހުގައި އެންމެ ގިނައިން މަސް ގަނެ އެންމެ ގިނަ އަދަދަކަށް މަސްވެރިންނަށް ފައިސާ ދިން އަހަރަކީވެސް މިދިޔަ އަހަރެވެ. މިގޮތުން ބިލިޔަނަކަށްވުރެ ގިނަ ފައިސާ މިދިޔަ އަހަރު މަސްވެރިންނަށް ދިން ކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިފްކޯގެ ޒަމާންވީ ތާރީހުގައިވެސް އެއް އަހަރުތެރޭގައި ބިލިޔަން ރުފިޔާ މަސްވެރިންނަށް ދިން ފުރަަތަމަ ފަހަރެވެ. މިދިޔަ އަހަރު މިފްކޯއަށް 63،579 މެޓްރިކް ޓަނުގެ މަސްވަނީ ގަނެފައެވެ. މިއީވެސް ރިކޯޑެކެވެ.

މިފްކޯއަށް އެންމެ ގިނައިން މަސްކިރުވި އަހަރަށް މިދިޔަ އަހަރުވީއިރު ރާއްޖޭގެ މަސްވެރިކަމުގެ ރިކޯޑްވެސް ދޯނިފަހަރުން ވަނީ އާކޮއްފައެވެ. އެއްދުވަހުން އެންމެ ގިނަ މަސްބޭނި ރިކޯޑު މުގުރާލީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ގދ ފަރެސްމާތޮޑާ "ބާހިރާ" ދޯނިންނެވެ.

ބާހިރާ ދޯނިން މި ރިކޯޑް މުގުރާލީ 59 ޓަނުގެ މަސް ބާނައިގެންނެވެ. މީގެތެރެއިން 58 ޓަނު 660 ކިލޯގެ މަސް ކޫއްޑޫއަށް ވަނީ ކިރުވާފައެވެ. މިއީ މިފްކޯގެ ތާރީހުގައި ދޯންޏަކުން 1 ދުވަހުން އެންމެ ގިނަ މަސް ބާނައިގެން ކިރުވި ފަހަރެވެ. އެ ދޯނިން ކިރުވި މަހަށް 9 ލައްކަ 96 ހާސް ހާސް 34 ރުފިޔާ ވަނީ ލިބިފައެވެ.

ބާޚިރާ ދޯންޏަކީ ރާއްޖޭގައި ދުއްވާ މަސްދޯނިފަހަރުތަކުގެ ތެރެއިން އެންމެ ބޮޑު އަދި ވަސީލަތްތަކުގެ ގޮތުން އެންމެ ފުރިހަމަ އެއް މަސް ދޯންޏެވެ. 117 ފޫޓުގެ ދިގު މި ދޯންޏަކީ ދޯނީގެ އިންޖީނަކީ 1050 ހޯސްޕަވަރުގެ ބޮޑު އިންޖީނެކެވެ.

އެއް ދުވަހުން އެންމެ ގިމަ މަސް ބޭނި ރިކޯޑް އޭގެ ކުރިން އޮތީ ގދ. މަޑަވެލީ 'ޓީއެސް' ދޯނީގައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ދޯނިން ވަނީ 57 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވާފައެވެ. އޭގެ ކުރިން މި ރިކޯޑް އޮތީ އޭގެ 16 އަހަރު ކުރިން 52 ޓަނު ބާނައިގެން ގދ ތިނަދޫ ރަސްމަގު ދޯނީގައެވެ.

ޓީއެސް ލައިން

ދޮށީގެ މަސްވެރިކަމަށްފަހު އެއްދަތުރުން އެންމެ ގިނަ ބޮޑު ކަންނެލި ބޭނި ދޯނީގެ ރިކޯޑްވެސް ވަނީ އާ ކޮއްފައެވެ. މި ރިކޯޑް މުގުރާލީ ހއ އިހަވަންދޫ މާހޯރަ-3 ދޯނިންނެވެ. އެދޯނިން މި ރިކޯޑް މުގުރާލީ މިދިޔަ ނޮވެމްބަރު މަހުގައެވެ.

މާހޯރަ-3

މި ދޯނި ކަންނެލި ކިރާފައިވަނީ ރާއްޖޭގައި އެންމެ ފުޅާކޮށް ކަންނެލި ގަނެ އެކްސްޕޯޓްކުރާ އެންސިސް ފިޝަރީޒް އަށެވެ. މިދަތުރުގައި އެދޯނިން 14 ޓަނުގެ ކަންނެލި ބޭނިއެވެ. މީގެތެރެއިން 11 ޓަނު 865 ކިލޯގެ ބޮޑު ކަންނެލި ކިރުވާފައިވަނީ އެންސިސް އަށެވެ. މިއީ އެންސިސްގެ ތާރީހުގައި އެއް ދަތުރުން އެންމެ ގިނައިން ދޯންޏަކުން ކަންނެލި ކިރުވި ފަހަރެވެ. އެންސިސްއިން ބުނީ މީގެކުރިން މި ރިކޯޑް އޮތީ އއ ރަސްދޫ "ޒޫމް ފިޝަރ" ދޯނީގައެވެ. އެދޯނިން އެއް ދަތުރުން 11 ޓަނު 501 ކިލޯ ކިރުވިއެވެ. އެންސިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އެއް ދަތުރުން 3 ވަނަ އަށް އެންމެ ގިނައިން ކަންނެލި ކިރުވާފައިވަނީ ދ ކުޑަހުވަދޫ "ދިރުން-2″ ދޯންޏެވެ. އެ ދޯނިން 11 ޓަނު 17 ކިލޯ ކިރުވިކަމަށް އެންސިސްއިން ބުނެއެވެ.

ކެޔޮޅު އިބްރާހިމް ރަޝީދު

މިދިޔަ އަހަރު މަސްވެރިކަމުގެ ރިކޯޑްތައް އާވިޔަސް މަސްވެރިންގެ ކަންބޮޑުވުންތައް އަދިވެސް ހުރީ ހަމަ އެގޮތުގައެވެ. މީގެކުރިން ކުރަމުން އައި ޝަކުވާތަކަށް ހައްލެއް ނުލިބެއެވެ. މަސްބާނާ ދުވަސްވަރު މަސްކިރަން އުފުލަން ޖެހޭ ތަކުލީފުގެ ވާހަކައެވެ. އައިސް ނުލިބުމުގެ ޝަކުވާއެވެ. މަހުގެ އަގު ދަށްވުމުގެ ޝަކުވާއެވެ. ކިރާ މަހަށް ފައިސާ ލިބުން ލަސްވާ ކަމުގެ ޝަކުވާއެވެ. މަސްގަތުން ކޮންޓްރޯލް ކުރާ ކަމުގެ ޝަކުވާއެވެ. މި ޝަކުވާތަކަށް ހައްލުލިބުމުން މަސްބާނާ މިންވަރު އެތައް ގުނައަކަށް އިތުރުވެ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!