ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއް ނެތި ކުރަމުންދާ މަސްވެރިކަމާއި ދެކޮޅަށް ކެމަރޫނުން އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދާތީ، ޔޫރަޕިއަން ޔޫނިއަން، އީ.ޔޫއިން ' ރެޑް ކާޑު' އެޤައުމަށް ދީފިއެވެ.
އީ.ޔޫގެ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، ކެމަރޫންއަކީ ' ނޮން ކޯރޕަރޭޓިން' ގައުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެޤައުމަށް ރަތް ކާޑު ދީފައިވާއިރު، އިޔޫގެ މެމްބަރު ޤައުމުތަކުގެ ބްލެކް ލިސްޓުގައި ކެމަރޫން ހިމެނުމަށް އެދޭނެ ކަމަށެވެ.
ރެޑް ކާޑުގެ ސަބަބުން ކެމަރޫންގައި ބާނާ މަސް އީޔޫގެ ޤައުމުތަކަށް އެކްސްޕޯޓުކުރަން ދަތިވާނެއެވެ. މިހާރުވެސް ކެމަރޫންގައި ބާނާ މަހުގައި އީޔޫގެ ސެނިޓަރީ ސްޓޭންޑަޑައް ފިޓް ނުވާތީ އެކްސްޕޯޓުކުރަމުންނެއް ނުދެއެވެ.
އީޔޫގެ ފިޝިންގ ކޮމިޝަނަރ ބުނީ ގަވާއިދާއި ހިލާފަށް ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަމަށް އެ ޖަމިއްޔާއިން ގެންގުޅެނީ ޒީރޯ ޓޮލަރެންސް ސިޔާސަަތު ކަމަށެވެ.
އަދި ކެމަރޫނަށް ރެޑް ކާޑު ދީފައިވީ ނަމަވެސް، އިސްލާޙުތައް ގެނެސްފި ނަމަ ކާޑު އަނބުރާ ގެންދާނެ ކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން ކެމަރޫނާއި އެކު މަޝްވަރާކުރުމަށް ތައްޔާރު ކަމަށްވެސް ކޮމިޝަނަރ ބުންޏެވެ.
އީޔޫ އިން މިހާތަނަށް ރެޑް ކާޑު ދީފައިވަނީ 6 ޤައުމަކަށެވެ. އެއީ ބެލީޒް، ކެމްބޯޑިއާ، ކޮމޮރޯސް، ގިނީ، ސްރީ ލަންކާ، އަދި ސެއިންޓް ވިންސެންޓެވެ.
މީގެތެރެއިން ބެލީޒް، ގިނީ އަދި ސްރީ ލަންކާއިންވަނީ މަސްވެރިކަމަށް ބަދަލުތައް ގެނައުމުން، ބްލިކް ލިސްޓުން ނަން އުނިކޮށްފައެވެ.