އޮސްޓްރޭލިއާގައި މޫދަށް ދިޔަ މީހެއްގެ ހެދުމުގެ ތެރެއިން ނުރައްކާތެރި ބޯވައެއް ކަމަށްވާ، ބްލޫރިންގްޑް އޮކްޓޮފަސްއެއް ފެނިއްޖެއެވެ.
ލިސާ ބްރައިންޓް މޫދަށް ގޮސް ފަތާ ހެދުމުގެތެރެއިން މޫދުން ފެނުނު ރީތި ބޮއްޔެއް ނަގާ ހެނދުމުގެ ޖީބަށް ލިއެވެ. ބޮލި ޖީބަށް ލުމުގެ ކުރިން އޭނާ އޭގެ އެތެރޭގައި އެއްޗެއް އުޅޭތޯ ބެލުމަށް ތަޅުވާ ހަދާފައިވެއެވެ. އެތެރޭގައި އެއްޗެއް ނެތް ކަމަށް ނިންމާ ލައިގެން ހުރި ފަތާ ހެދުމުުގެ ޖީބަށް ލިއެވެ.
އެހެން ނަމަވެސް ބޮލި ތެޅޭހެން ހީވެގެން ނެގިއިރު، އޭގެ ތެރެއިން ނުކުތީ، ހަތް ސެންޓިމީޓަރުގެ ބްލޫ ރިންގްޑް ބޯވައެކެވެ. ލިސާގެ ނަސީބު ރަނގަޅު ކަމުން އޭނާއަށް ވަނީ އޭގެ ކައިރިން ސަލާމަތްވެފައެވެ. ބްލޫ ރިންގްޑް ބޯވައަކީ ނުރައްކާތެރި އެއްޗެކެވެ.
ބްލޫރިންގްޑް އޮކްޓޮޕަސް ކާނާ ހޯދުމަށް ޝިކާރަކޮށް އުޅެނީ އެސޮރުމެން އުފައްދާ ވިހަ މާދާ ބޭނުންކޮށްގެންނެވެ. މިއީ ހިއްސުތަކާއި ބެހޭ ނާރުތަކަށް ހަމަލާދޭ ވިހަ (ނިއުރޯޓޮކްސިން) އެކެވެ. ބްލޫރިންގްޑް އޮކްޓޮޕަސް ކާނާ ހޯދަނީ އެސޮރުމެންގެ ޝިކާރަގައި ދަތްއަޅައިގެން ހަށިގަނޑުގެ ތެރެއަށް މިވިހަ ދޫކޮށްލައ ިމަރާލައިގެންނެވެ.
އެކިބާތަތުގެ ނުރައްކަލުން ދިފާއުވުމަށްވެސް ބްލޫރިންގްޑް އޮކްޓޮޕަސް މި ނިއުރޯތޯކްސިން ދުކޮށްއުޅެއެވެ.
ބްރޫރިންގްޑް އޮކްޓޮޕަސް އުފައްދާ ނިއުރޯޓޮކްސިންއަކީ އިންސާނުންނަށްވެސް ވަރަށް ނުރައްކާތެރި ވިހައެކެވެ. މިބާވަތުގެ ބޯވައިގައި އަތްލައި، ހިފާ އުޅޭނަމަ، އިންސާނުންގެ ގައިގައިވެސް ދަތް އަޅައި ވިހަދޫކުރުމުގެ ފުރުސަތު އޮވެއެވެ. މިގޮތަށް ބޯވަ ހިފައި ގެންގުޅުމުގެ ތެރޭގައި ދަތް އަޅި ނަމަވެސް އެކަމުގެ ތަދު އިހުސާސް ނުވެދާނެއެވެ.
ނަމަވެސް ހަށިގަނޑުގެ ތެރެއަށް ނިއުރޯޓޮކްސިންގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނަން ފަށާ ކަމަށް މެރިން ރިސަރޗު އިންޓިޓިއުޓްއިން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވެއެވެ.
މިބާވަތުގެ ނިއުރޯޓޮކްސިންއިން ވިހަވުމުގެ އެހެން އަލާމާތްތަކުގެ ތެރޭގައި ބޯއަނބުރާ ހޮޑުލަވާގޮތްވުމާއި، ހިތް ހުއްޓުންފަދަ ކަންކަންވެސް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވެއެވެ.
މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހަައިގެ އަސަރު މުޅިން ފިލައި ދަންދެން، ކުއްލި ފަރުވާގެ ގޮތުގައި، މަސްނޫއީކޮށް ނޭވާލައްވަން ޖެހެއެވެ. އާއްމުގޮތެއްގައި ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިދެއެވެ. މިބޯވައިގެ ވިހަ ހަށިގަނޑުން ނައްތާލުމަށް ފަރުވާދިނުމަށްޓަކައި އެންޓިވެނަމެއް ހޯދިފައެއްް އަދި ނެތެވެ.