ތުރުކީގެ މަސްވެރިންތަކެއް 10 މީޓަރު ދިގު މިޔަރެއް ހިފައިފިއެވެ.
ތުރުކީގެ މަސްވެރިން ޖެހި ދަލެއްގައި ތާށިވި މި މިޔަރުގެ ބަރުދަނުގައި 1814 ކިލޯ ހުއްޓެވެ. މި މިޔަރު ފެނުން މައްޗަށް ހިއްލާލެވުނީ ކެރޭނެއްގެ އެހީފައެވެ.
މި މިޔަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އެއާ އެކު ފޮޓޯއެއް ނެގުމަށްވެސް އެ ބޯޓު އޮތް ސަރަހައްދަށް މީހުން ޖަމާވިއެވެ. މަސްވެރިންނަށް ހިފިފައިވަނީ ބާސްކިން ޝާކެކެވެ. މި ބާވަތުގެ މިޔަރަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާތީ ހިމާޔަތްކޮށްފައިވާ ބާވަތެކެވެ.
އަދި މަސްވެރިން މި މަސް ބާނާފައިވާތީ ގިނަ އަދަދެއްްގެ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އަދި މި ފަދަ ހިމާޔަތްކޮށްފައިވާ މަސްމަހާ މެއްސާއި ގުޅޭ މައުލޫމާތުތައް މަސްވެރިންނަށްވެސް އެނގެން ޖެހޭ ކަމަށާއި، މިފަދަ މަސްތައް ބޭނުމާއި ދެކޮޅު ބަޔަކަށް މަސްވެރިން ވާންވާނެ ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިއީ އާއްމުގޮތެއްގައި މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގައި އުޅޭ ބާވަތުގެ މިޔަރެކެވެ. އެ މިޔަރު އެއްގަމާއި ކައިރިއަށް އާދެވިފައިވަނީ ކުދި މަސްތަކެއްގެ ފަހަތުންކަމަށް ބެލެއެވެ.
މިއީ އިންސާނުންނަށްވެސް ގެއްލުންދޭ ބާވަތުގެ މިޔަރަކަށް ނުވުމުން މި ބާވަތުގެ މިޔަރު ނުހިފުމަށް ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.