big_J91ebeWFVc2l5bukh52RxqsIo

މާފަރު އައިސްޕްލާންޓް ނީލަމުގައި ވިއްކާލަނީ

ނ. މާފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އައިސްޕްލާންޓް ސިޓީލާ ނީލަމުގައި ވިއްކާލަން އެ ކައުންސިލުން ނިންމައިފިއެވެ.

މާފަރު ކައުންސިލުން ބުނީ، އެ އިދާރާގެ ބެލުމުގެ ދަށުގައިހުރި 15 ޓަނުގެ އައިސް ޕްލާންޓެއް (ކްރަޝަރއާއިއެކު) ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވާ ކަމަށާއި އައިސް ޕްލާންޓް ގަތުމަށް އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ސިޓީލާ ނީލަމުގެ އުސޫލުން ވިއްކާލުމަށް ހުޅުވާލާ ކަމަށެވެ.

އައިސްޕްލާންޓް ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގެ ކުރިން އަގު ހުށަހެޅުމަށް މާފަރު ކައުންސިލުން އެދިފައިވެއެވެ.

"ނީލަމަށް އަގު ހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި "ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެ،" މާފަރު ކައުންސިލުން ބުންޏެވެ.

ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މިއިދާރާއިންވެސް ލިބެން ހުންނާނެއެވެ.

ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 2:00 ގައި އެ އިދާރާގެ ނޯޓިސްބޯޑު އަދި ފޭސް ބުކް ޕޭޖްގައި ޢާންމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެކަމަށެސް އެ އިދާރާގެ އިއުލާނުގައި ވެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ އެ އިދާރާއަށް ދައްކަވަންވާނެ ކަމަށާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާތާ 01 މަސްދުވަހުގެ ތެރޭގައި ނީލަމުންނެގި މުދާ ގެންދަވަން ވާނެ ކަމަށް މާފަރު ކައުންސިލުން ބުންޏެވެ.

ނީލަން ފެށޭއަގަކީ ފަސް ލައްކަ ރުފިޔާއެވެ.

 500000.00 (ފަސްލައްކަ ރުފިޔާ)

އިތުރު މަޢުލޫމާތު ސާފު ކުރުމަށް 6560005 އަދި މޯބައިލް 9754004 އަށް ގުޅުމަށް މާފަރު ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!