އޭޑީކޭގައި ހުޅުވި ޗެމްބަރު ޔުނިޓު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭޑީކޭގައި ހުޅުވި ޗެމްބަރު ޔުނިޓު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑީކޯވާ މީހުންނަށް އޭޑީކޭއިން މިހާރު ފަރުވާ ދެވޭނެ

ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވާ މީހުންނަށް ފަރުވާދޭ ޗެމްބަރުގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ފަށައިފިއެވެ.

އިއްޔެ އޭޑީކޭގައި މި ހިދުމަތް ތައާރަފް ކޮށްފައި ވާއިރު، ޑީކޯ ވާ މީހުންނަށް ފަރުވާދޭ ދެ މެޝިން އެ ހޮސްޕިޓަލުގައި ވަނީ ބަހައްޓާފައެވެ.

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ، ރާއްޖޭގެ ހޮސްޕިޓަލެއްގައި މިފަދަ ވަސީލަތެއް ގާއިމް ކުރަން ޖެހެނީ ޑައިވް ކުރުމުގައި ޑީކޯ ވުމުގެ ހާދިސާތައް އިތުރުވާތީ ނޫން ކަމަށާއި ނަމަވެސް ޑައިވިންގައި ޑީކޮމްޕްރެޝަން ހާދިސާތަކާ ދިމާވާ މީހުންނަށް ފަރުވާދޭން ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

ރިސޯޓުގައި ހުންނަ ޗެމްބަރުތަކުން އާއްމުކޮށް އެއްފަހަރާ ހަތަރު މީހުންނަށް ފަރުވާ ދިން ަނަމަވެސް، އެ ހޮސްޕިޓަލުގެ މެޝިނުން އެއްފަހަރާ ފަރުވާ ދޭނީ އެންމެ މީހަކަށް ކަމަށް ނިޔާސފް ވިދާޅުވިއެވެ.

 

ޑީކޯ ޗެމްބަރު ބޭނުންކުރުމަށް އޭޑީކޭ އިން ވަނީ ސިންގަޕޫރުން ތިން ޑޮކްޓަރުންނަށް ސިންގަޕޫރުން ތަމްރީނު ދީފައެވެ. އަދި ނަރުހުންނާއި ފަންނީ މީހުން ވެސް އެ ބޭނުމަށް ތަމްރީނުކޮށްފައި ވެއެވެ.

މި ރަސްމިއްޔާތުގައި ޑައިވަރުންގެ ފަރާތުން ވާހަކަ ދައްކަވަމުން ޕަޑީ ކޯސް ޑިރެކްޓަރު އަދި ޑައިވް ޑެސްކްގެ މެނޭޖިން ޑިރެކްޓަރު އާދަމް އަޝްރަފު ވިދާޅުވީ، ކޮވިޑުގެ ހާލަތުގައި ޑައިވަރުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި ކަމަށާއި އެކަށީގެންވާ ގޮތަށް ފަރުވާ ލިބޭނެ ޗެމްބަރެއް ނެތުމަކީ އެ ދާއިރާއަށް ކުރިމަތިވެފައި އޮތް ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

ޑީކޯ ޗެމްބަރުގައި ގިނައިން ފަރުވާ ދެނީ ފީނަން ގޮސް އުޅޭ ވަގުތު ބައެއް ފަހަރު އަވަހަށް މައްޗަށް އަރަން އުޅޭ ވަގުތު ޑީކޯ ވެގެންނެވެ. މިއީ މަސްވެރިންކަމުގައި އުޅޭ ފަރާތްތަކަށްވެސް ދޭތެރެއަކުން ދިމާވާ މައްސަލައެކެވެ. އަދި ޑީކޯވާ މީހުންނަށް ފަސޭހައިން ފަރުވާ ދެވޭނެ އިންތިޒާމު ރާއްޖޭގައި ހަމަޖެހިފައި ނެތުމުން މަސްވެރިން އަބަދުވެސް އެ ޝަކުވާ ކުރެއެވެ.

ޑީކޯވާ މީހުންނަށް އޭޑީކޭގައި ފަރުވާ ދޭން ފެށުމުން، އެކަން ވާނީ ރާއްޖޭގައި ހޮސްޕިޓަލެއްގައި އެ ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!