ކުރު މުއްދަތެއްގެ ތެރޭގައި މަސްވެރިކަމަށް އެންމެ މުޙިއްމު މާލީ އިދާރާއަށްވީ އެސްޑީއެފްސީ

Masveringe Adu

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިސަރުކާރުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ނަމުގައި ހާއްޞަ މާލީ އިދާރާއެއް ގާއިމްކުރީ 2019 ފެބްރުއަރީ 28 ގައެވެ. އެކޯޕަރޭޝަނުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތަށް 133 ލޯނު ދޫކޮށްފިއެވެ.

އެސްޑީއެފްސީއިން ލޯނު ދޫކޮށްފައިވަ ގޮތަށް ބަލާއިރު، މަސްވެރިކަމުގެ ސިނާއަތުގެ ފަސް ކެޓަގަރީއަކަށް ޖުމުލަ 133 ލޯނު ދޫކުރި އިރު، އެ ލޯނުތަކުގެ ޖުމުލަ އަދަދު 212،751،089 އަށް އަރައެވެ.

އެގޮތުން، ކަޅުބިލަމަހުގެ މަސްވެރިކަމަށް ދޫކުރި 68 ލޯނަށް 145،487،167 ރުފިޔާ ދޫކޮށްފައިވާއިރު ފަރުމަހުގެ މަސްވެރިކަމަށް ދޫކުރި 11 ލޯނަށް 8،525،999 ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓް ގާއިމުކުރުމަށް ފަސް ލޯނު ދޫކޮށްފައިވާއިރު، އެލޯނުތަކަށް 14،092،345 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ފިޝް ޕްރޮސެސިންއަށާއި ފިޝް ފަރމިންގްއަށްވެސް އެސްޑީއެފްސީއިން ދަނީ ލޯނު ދޫކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފިޝް ފަރމިންގްގެ ދެ ލޯނަށް ދޫކުރި 1،968،830 ރުފިޔާ އާއި ފިޝް ޕްރޮސެސިންގެ 47 ލޯނަށް ދޫކުރި 42،676،748 ރުފިޔާއެވެ.

މިލޯނުތަކުން ވަނީ މަސްވެރި އާއިލާތަކާއި މަސްވެރިކަމާއި ގުޅިފައިވާ އެހެނިހެން އިގްތިސާދީ ހަރަކާތްތަކުގައި އުޅޭ ފަރާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ރަށްރަށަށް މިލޯނުތަކުގެ ޒަރިއްޔާއިން ގެނުވި ދުޅަހެޔޮކަމާއި އިޖްތިމާއީ ހާލަތަށް އައި އާރޯކަމަކީ ކޮންމެހެންވެސް ފާހަގަކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ އެހެން ބޭންކުތަކާއި އަޅާބަލާއިރު، އެސް.ޑީ.އެފް.ސީ ނުވަތަ އާންމުކޮށް ކިޔާ އުޅޭ ގޮތުންނަމަ، އެސް.އެމް.އީ ބޭންކުން މިވަނީ ކުރިން އެއްވެސް ގޮތަކަށް ނެތް ފުރުޞަތުތަކެއް ތަޢާރަފްކޮށްދީފައެވެ. އެއީ މަސްވެރިކަމުގެ ދާއިރާގައި އުޅޭ މަސްވެރިންނާއި، މަސްވެރިކަމާއި ގުޅުންހުރި އެހެނިހެން މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހައިން ކުޑަ އިންޓަރެސްޓެއްގައި ލޯނު ލިބޭނޭ މަގު ފަހުކޮށް ދިނުމެވެ.

މި ސަރުކާރުގެ، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި، މަސްވެރިކަމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ސަރުކާރުން ކޮށްދޭނެ ކަންތައްތަކެއް ހިމަނާފައި ވާއިރު، އޭގެ ތެރޭގައިވާ 'މަސްއޮޑި ބަނުމަށާ އިންޖީނު އެޅުމަށް ލުއިފަސޭހަ ލޯނު ސްކީމެއް' ހޯދައިދިނުން ހިމެނެއެވެ.

މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނުއެޅުމަށް ލުއިފަސޭހަ ލޯނު ސްކީމެއް ހޯދައިދިނުމުގެ އިތުރުން، މަސްވެރިކަމުގެ ވިޔަފާރި ކުރިއެރުވުމަށް ދެން މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ ތެރޭގައި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިދިނުމާއި ދިވެހި އިޤްޠިޞާދުގެ ރޫފަ ހެޔޮކުރުމަށް މަސްވެރިކަމުގެ ސިނާޢަތުން ނެރެވޭ ފައިދާ ބޮޑުކޮށްދިނުމުގެ އިތުރުން މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް، ދިވެހި މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ހިންގުން ހިމެނެއެވެ.

އެސްއެމްއީ ބޭންކުން ތައާރަފްމިކުރި ޙިދުމަތްތަކަކީ ހަމައެކަނި ޚިދުމަތެއް ނޫނެވެ. ނަމަވެސް އުންމީދެއްވެސް މެއެވެ. އަދި ޔަޤީންކަމާއި އިތުބާރެވެ. މިކަން އެސްއެމްއީ ބޭނުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ސާބިތުވެސް ކޮށްދީފިއެވެ. އެގޮތުން ކޮވިޑު 19ގެ އާލަމީ ވަބާގެ ތެރޭގައި، މަސްވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި އިޤްތިސާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވި މާލީ އެހީތެރިކަން އެ ބޭންކުން ފޯކޮށްދިން ނިމުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ގިނަގުނަ ފަރާތްތަކެއް މަސައްކަތަކުގައި ދެމިތިބުމަށް ލިބުނު ހިތްވަރަކަށެވެ. އަދި އެއެހީއާ ނުލައި ކޮވިޑް 19ގެ ސަބަބުން ކުރިމަތިވަމުން ދިޔަ ދަތިތަކުން އަރައިގަތުން އެއީ ވަރަށް ބޮޑު ވޭނަކަށް ވީސް ކަން ކަށަވަރެވެ.

އެސްއެމްއީ ބޭންކުގެ މިސްރާބު ހުރި ގޮތުން، ކުރިއަށް އޮތް ތަނުގައި އެކުންފުނިން މަސްވެރިންނަށާއި މަސްވެރިކަމާއި ގުޅުންހުރި އިގްތިސާދީ މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ފަހި ފުރޞަތުތައް ހުޅުވަމުން ގެންދާނޭ ކަން ކަށަވަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ