ސަފީނާ ދޯނި -- ފޮޓޯ/ ފަރެސްމާތޮޑާ މަސްވެރިން
ސަފީނާ ދޯނި -- ފޮޓޯ/ ފަރެސްމާތޮޑާ މަސްވެރިން

އެކި ބާވަތުގެ މަސްވެރިކަން މެނޭޖްކުރާ ކޮމިޓީއަށް ކުރިމަތިލުމުގެ ސުންގަޑި، އަންނަ ހަފްތާގެ ނިޔަލަށް

ކަނޑުމަހުގެ މަސްވެރިކަމާއި، ފާނަ މަސްވެރިކަމާއި ހިބަރު މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީތަކެއް އެކުލަވައިލުމަށްޓަކައި އެ ކޮމިޓީތަކަށް މެންބަރުން ކުރިމަތިލުމަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލި ފުރުސަތު އަންނަ ހަފްތާގެ ނިޔަލަށް ހަމަވާނެއެވެ.

މިނިސްޓްރީން ބުނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު ކުރި އިޢުލާނާ ގުޅިގެން މެންބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް އެއްވެސް ފަރާތަކުން ނަން ހުށަހަޅައިފައި ނުވާތީ މި އިޢުލާނުގައިވާ އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑި، މި މަހުގެ 19 ވަނަ ދުވަހަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް fisheriesmanagement@fishagri.gov.mv އަށް ކަމަށާއި މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 3339223 ނުވަތަ 3339218 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ބެހޭ ގަވާއިދ'ގެ ދަށުން، އެކި ބާވަތުގެ މަސްވެރިކަން މެނޭޖް ކުރުމަށް ވަކި ޕްލޭނެއް ި ތަންފީޒު ކުރުމާއި މުރާޖައާ ކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި ކޮމެޓީއެއް އެކުލަވައިލަން ޖެހެއެވެ.

މި ކޮމެޓީތަކަށް މެމްބަރުން އައްޔަނު ކުރަންޖެހޭނީ ފިޝަރީޒް މިނިސްޓްރީއިންނެވެ.

ކޮންމެ ކޮމެޓީއެއް އެކުލަވާލުމަށްޓަކައި އަށް މެމްބަރުން ހޮވަން ޖެހެއެވެ. އެގޮތުން ކޮމެޓީގެ މުޤައްރިރަކަށް ހަމަޖައްސަން ޖެހެނީ މިނިސްޓްރީގެ، ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލު ކުރާ މަންދޫބެކެވެ. އޭގެ އިތުރުން ކޮމެޓީގައި ހިމަނަން ޖެހެނީ އެމްއެމްއާރްއައި ތަމްސީލު ކުރާ މަންދޫބަކާއި އެ ބާވަތެއްގެ މަސްވެރިކަން ކުރާ ފަރާތްތައް ތަމްސީލު ކުރާ ތިން މަންދޫބުންނާއި އެބާވަތެއްގެ މަސްވެރިކަމުގެ ބާވަތްތައް ޕްރޮސެސް ކުރާ ދެ މަންދޫބުން އަދި އެންވަޔަރަމަންޓް މިނިސްޓްރީ ތަމްސީލުކުރާ މަންދޫބެއްގެ އިތުރުން އޮކޮނިމިކް މިނިސްޓްރީ ތަމްސީލު ކުރާ މަންދޫބެއް، ލޯކަލް ގަވަރންމެންޓް އޮތޯރިޓީ ތަމްސީލު ކުރާ މަންދޫބެއް އަދި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކަމާ ގުޅޭ ޖަމިއްޔާއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!