އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް އިނގިރޭސިވިލާތުގައި މަނާކުރަން ނިންމައިފިއެވެ.
ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ހާއްސަކޮށް ކަނޑުގެ ދިރުންތަކަށް ވަމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި އިނގިރޭސިވިލާތުގެ އެންވަޔަރަމެންޓު ޑިޕާޓުމަންޓުން ވަނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް އެޤައުމުގައި ބޭނުންކުރުން މަނާކުރުމަށް ނިންމާފައެވެ.
ބޭނުންކުރުން މަނާ ބާވަތްތަކުގެތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ތައްޓާއި، އުލާއި ސަމްސާ ފަދަ ކެއުމުގައި ބޭނުންކުރާ އާލަތްތަކުގެ އިތުރުން ކެއުމަށް ބޭނުންކުރާ ބޯތަށިވެސް ހިމެނެއެވެ.
މިފަދަ ނިންމަކާއި ހަމައަށް އައުމުގެ ކުރިން އިނގިރޭސިވިލާތުގެ ސަރުކާރުންވަނީ މިކަމާއި މެދު އާއްމުން ދެކޭގޮތް ހޯދާފައެވެ. އެގޮތުން ކުރިއަށް ގެންދިޔަ ސާވޭގައި ބައިވެރިވެ 95 އިންސައްތަ މީހުންވަނީ މިކަމަށް ތާއީދު ކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އިނގިރޭސިވިލާތުގައި އަހަރެއްގެ މައްޗަށް 2.7 ބިލިއަން އެއްފަހަރު ބޭނުންކޮށްފައި އުލާއި ސަމްސާ އަދި 721 މިލިއަން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ތަށި ބޭނުންކުރެއެވެ. އަދި މީގެތެރެއިން ރިސައިކަލްކޮށްފައިވަނީ އެއްމެ %10 ކަމަށްވެސް ހިސާބުތަކުން ދައްކައެވެ.
މަނާކުރަން ނިންމާފައިވާ ބާވަތްތަކުގެތެރޭގައި ޕްލާސްޓިކް ޓްރޭއާއި، ބެލޫން ސްޓިކްސް، އަދި ބައެއް ކަހަލަ ފެންބޯ ތަށި އަދި ކާބޯތަކެތި ރައްކާކުރާ ކޮންޓެއިނަރ ހިމެނެއެވެ.