ކެމްބޯޑިޔާގެ ބޮޑުވަޒީރާއެކު ރައީސް ޞާލިހު މަޝްވަރާ ކުަރއްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ކެމްބޯޑިޔާގެ ބޮޑުވަޒީރާއެކު ރައީސް ޞާލިހު މަޝްވަރާ ކުަރއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ދަޅުމަސް ކެމްބޯޑިޔާއަށް އެކްސްޕޯޓު ކުރަން މަޝްވަރާކޮށްފި

ރާއްޖޭގާ ތައްޔާރުކުރާ ދަޅުމަހާ، ކަނޑުމަހުގެ އުފެއްދުންތައް ކެމްބޯޑިޔާއަށް އެކްސްޕޯޓު ކުރުމާ ބެހޭގޮތުން ކެމްބޯޑިޔާގެ ބޮޑުވަޒީރާއެކު މަޝްވަރާ ކޮށްފައި ވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކެމްބޯޑިޔާ ބޮޑު ވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެ ވަޑައިގެންނެވުމަށް ފަހު، ދެ ބޭފުޅުން ރައީސް އޮފީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ލަކުނޑީގެ ބާވަތްތައްވެސް ރާއްޖެ އެތެރެ ކުރަން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންނަށް، އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި، 30 ދުވަހުގެ މުއްދަތަކަށް ވިސާ ބޭނުން ނުވާނެ ގޮތަށް ހަމަޖައްސާފައި ވާކަމަށެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެއަށް ފައިބާވަޑައިގަތުމާއެކު، ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 07 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި، ދިވެހިރާއްޖެއާއި ކެމްބޯޑިއާގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެރުވި ގާޑް އޮފް އޮނަރއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ކެމްބޯޑިއާގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.

މަރުޙަބާ ވިދާޅުވުމުގެ މި ރަސްމިއްޔާތައްފަހު، ކެމްބޯޑިއާގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވުމަށްފަހު ކެމްބޯޑީއާގެ ބޮޑުވަޒީރު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މި ދަތުރުފުޅަކީ، ކެމްބޯޑިއާ ސަރުކާރުގެ އިސްވެރިޔާ، ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!