މަސްވެރިކަމާއި ގުޅޭ

cxcxzs

ކަންބޮޑުވާ މިންވަރަކަށް ފްރާންސްގެ ބީޗުތަކަށް މަރުވެފައިވާ ކޯމަސްތައް ލައްގަނީ

އަނިޔާ ލިބިފައިވާ ކޯމަސްތައް ފެންނަ މިންވަރު އިތުރުވެފައިވާތީ އެކަންތައް ބަލާދިނުމަށް ލީގް ފޮރ ދަ ޕްރޮޓެކްޝަން އޮފް ބާޑްސް، އެލް.ޕީ.އޯގެ ފަރާތުން ފްރާންސްގެ ސަރުކާރަށް ގޮވާލައިފިއެވެ.

އެލް.ޕީ.އޯގެ ރައީސް އެލައިން ބީގްރެއިން ބުނާގޮތުގައި ކޯމަސްތައް ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވެއެވެ. އަދި މަސްވެރިކަމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ކޯމަސްތަކަށް ކުރަމުންދާ އަސަރު ބޮޑުކަން އެލައިން ފާހަގަކުރެއެވެ.

އަނިޔާ ލިބިފައިވާ ކޯމަސްތައް އެއްގަމަށް ލައްގާ މިންވަރު މި ޖެނުއަރީމަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޕެލާޖިސް އޯޝަން އޮބްޒަވޭޓަރީއިން ހާމަކުރާގޮތުގައި މިމަހު އެކަނިވެސް 127 ކޯމަސް މަރުވެގެންވަނީ ލައްގާފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު މި އަދަދު ހުރީ 73ގައެވެ.

މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ޖުމްލަ 669 ކޯމަސްވަނީ ފްރާންސްގެ ބީޗުތަކަށް މަރުވެގެން ލައްގާފައެވެ. މި އަދަދަކީ 2020 ވަނަ އަހަރާއި އަޅާ ބަލާއިރު ދަށް އަދަދެކެވެ. 2020 ވަނަ އަހަރު ލައްގާފައިވަނީ 1299 ކޯމަހެވެ.

އަަދި މި އަދަދަކީ ކޯމަސްތައް މަރުވާ މިންވަރު ދެނެގަތުމަށް އެންމެ ރަނގަޅު އަދަދު ނޫންކަމަށް ސައިންސްވެރިން ހާމަކުރެއެވެ. ސަބަބަކީ ކަނޑުމަތީގައި މަރުވާ ކޯމަސްތައް ގިނަ ފަހަރަށް ދާނީ އަޑިއަށް ކަމުގައިވާތީއެވެ.

މަރުވެގެން ލައްގާ ގިނަ ކޯމަސްތަކަކީ މަސްވެރިކަމުގައި އެކި ކަހަލަ އަނިޔާތައް ލިބިފައިވާ ކޯމަސްތައް ކަމަށް ޕެލާޖިސްއިން ހާމަކުރެއެވެ. އެގޮތުން ދާގަނޑުގައި ތާށިގެން ލިބިފައިވާ ހުންނަ އަނިޔާތައް މަރުވެގެން ލައްގާފައިވާ ކޯމަސްތަކުން ފެންނަން ހުންނަ ކަމަށްވެސް ޕެލާޖިސްއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!