މަސްވެރިކަމާއި ގުޅޭ

newspress-collage-21272336-1675506672801

މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން އޮސްޓްރޭލިއާގައި ކުއްޖެއް މަރުވެއްޖެ

އޮސްޓްރޭލިއާގެ ސްވޯން ރިވާއަށް އެރި އުޅުނު 16 އަހަރުގެ އަންހެން ކުއްޖަކަށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މަރުވެއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ކުއްޖާ މަރުވެފައިވަނީ ރައްޓެހިންނާއި އެކު ކޯރު ކައިރީގައި ކުޅެން އުޅުމުގެ ތެރޭގައެވެ. އެގޮތުން ކޯރުކައިރީގައި ހުރި ގަހެއްގައި އިން އުނދޯޔެއް ހެއްލަމުންގޮސް، އެ އަންހެން ކުއްޖާ ކޯރަށް ފުއްމާލީ ކަމަށާއި، ކޯރަށް ފުންމާލުމާއި އެކު މިޔަރު އޭނާ އަޑިއަށް ދަމައިގަތް ކަމަށް އެތަނުގައި ތިބި އޭނާގެ ރައްޓެހިން މައުލޫމާތުދެއެވެ.

އަންހެން ކުއްޖާއަށް ހަމަލާދީފައިވަނީ ބުލް ޝާކެއް ކަމަށް ބެލެއެވެ. އޭނާގެ އުނަގަނޑުން ތިރިއަށް ބޮޑެތި އަނިޔާތަކެއްވަނީ ލިބިފައެވެ. ރައްޓެހިންތައް ވަނީ އޭނާ ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއްވެސް ކޮށްފައެވެ.

އެހެން ނަމަވެސް އަވަސް ފަރުވާދޭ މީހުން އެ ތަނަށް އައި އިރު އަންހެން ކުއްޖާވަނީ މަރުވެފައެވެ. އޭނާއަށް ލިބިފައިވާ އަނިޔާތައް ފެނިފައި ޕެރެމެޑިކްސްއަށްވެސް ފުރަތަމަ ހީވީ ލޯންޗެއްގެ ބުރަފަތީގައި ޖެހިފައި ކަމަށެވެ.

މީގެ ދެ އަހަރުކުރިންވެސް ހަމަ އެ ކޯރުގައި ވަނީ މިޔަރު ހަމަލާދިނުމުގެ ހާދިސާއެއް ހިނގާފައެވެ. އެފަހަރު ހަމަލާ އަމާޒުވި މީހާގެ ވަނީ އެއް ފައި މިޔަރު ކާލާފައެވެ.

މިޔަރުގެ ހަމަލާއެއްގައި އަންހެން ކުއްޖެއް މަރުވެފައިވާއިރު، މިދުވަސްވަރު އެ ކޯރުގެ އައްސޭރިފަށުން މިޔަރު ފެންނަމުންދާ ކަމަށް އެހިސާބުގައި ދިރިއުޅޭ ފަރާތްތަކުން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!