ghana-tuna-fishing

ތެޔޮ އަގުބޮޑުވުން، ގާނާގެ މަސްވެރިންނަށް ބޮޑު ގޮންޖެހުމެއް

އެފްރިކާގެ ގައުމެއް ކަމުގައިވާ ގާނާގައި ތެޔޮ އަގުބޮޑުވުމުގެ ސަބަބުން މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކެއް ހައްލެއް ހޯދައިދިނުމަށް ގާނާ ޓޫނާ އެސޯސިއޭޝަނުން އެޤައުމުގެ ސަރުކާރަށް ގޮވާލައިފިއެވެ.

އެގޮތުން މިހާރު ބާޒާރުގައި ތެޔޮ ލިބެން ހުރި އަގަށްވުރެ ހެޔޮ އަގެއްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެ އެސޯސިއޭޝަނުންވަނީ އެދިފައެވެ.

ޓޫނާ އެސޯސިއޭޝަންގެ ރައީސް ފްރޭންކް އައިހޫން، ގާނާގެ ނިއުސް އެޖެންސީއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ މަސްވެރިކަމަށް ނިކުތުމަށް ކުރަން ޖެހޭ ހަރަދު ބޮޑުވެފައިވުމަކީ މަސްވެރިންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އަދި އެހެން ޤައުމުތަކުގައިވެސް މަސްވެރިންނަށް ސަރުކާރުން ތެޔޮ ފޯރުކޮށްދިނުމުގައި ހާއްސަ އަގުތަކެއް ގެންގުޅޭކަމަށާއި، ގާނާގައިވެސް އެގޮތަށް ހަދަން ޖެހިފައިވާ ކަމަށެވެ.

އަދި ކަންނެލީގެ މަސްވެރިކަން ކުރާ އޮޑިފަހަރަކީ ދިގު ދަތުރުތައް ކުރަންޖެހޭ ދޯނިތަކެއް ކަމަށާއި އެއްތަނެއްގައި މަޑުކޮށްގެން ގިނައިރު ނުތިބޭނެ ކަން އައިހޫން ފާހަގަކުރިއެވެ.އަދި މިއާއެކުވެސް ތެޔޮ އަނދާ މިންވަރު އިތުރުކަމަށް އޭނާ ބުންޏެވެ.

ތެޔޮ އަގުބޮޑުވުމާއި އެކު ގިނަ އަދަދެއްގެ ދޯނި ފަހަރު މިހާރު މަހަށް ނިކުތުން ހުއްޓާލާފައިވާކަންވެސް އައިހޫން ފާހަަގަކުރިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!