ޔޫއޭއީގެ މަސްވެރިންތަކެއް މަސް ހިފަން އުޅުނު ދާގަނޑުގައި ޖެހުނު ފެހުރިއްސެއް ސަލާމަތްކުރުމަށް ކުރި މަސައްކަތަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.
މިކަމާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު، ސައިޒުން ބޮޑު އެ ފެހުރިހި އެއްގަމަށް ލައްގާފައި ވެއެވެ. އަދި އޭތި އަނބުރާ މޫދަށް ގެންދިޔުމަށް 10 ވަރަކަށް މަސްވެރިންވެގެން ވަނީ މަސައްކަތްކޮށްފައެވެ.
އެމީހުން ކުރި މަސައްކަތް ވަނީ ކާމިޔާބުވެފައެވެ. ފެހުރިހި ވަނީ މޫދަށް އަނބުރާ ދޫކޮށްލެވިފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއަށް މިިހާތަނަށް 5 ހާހާއި ގާތްކުރާ އަދަދަކަށް ލައިކްސްވަނީ ލިބިފައެވެ.
ޔޫއޭއީއިން އާއްމުކޮށްވެސް ފެހުރިހި ފެނެއެވެ. އަދި މަސްވެރިންގެ ދާގަނޑުގައި މިގޮތަށް ފެހުރިހި ޖެހިފައި އެބަހުއްޓެވެ. އަދި އެގޮތަށް ޖެހޭ ފެހުރިހިތައް ސަލާމްތަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވަނީ މީޑިއާތަކުގެ ސަމާލުކަށްވެސް އައިސްފައެވެ.
ފެހުރިއްސަކީ މިޔަރުގެ ބާވަތްތަކުގެ ތެރޭން އެންމެ ބޮޑު އަދި ކަނޑުގައިއުޅޭ އެންމެ ބިޔަ އެއް މަހެވެ. ފެހުރިހި 12 މީޓަރަށްވުރެ ބޮޑުވާކަމަށް ވެއެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއްނޫން ކަމުން ފެތުންތެރިންނާއި ފީނުންތެރިން މިބާވަތުގެ މިޔަރާ ވަރަށް ގައިގޯޅިވެ އުޅެއެވެ.