މިނިސްޓްރީއޮފް ފިޝަރީޒްއިން ދޫކުރާ ހުއްދަތަކާއި ލައިސަންސްތައް މަސްވެރިންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައި ވެއެވެ.
އެގޮތުން ދެ ބާވަތެއްގެ ހުއްދައެއް މިނިސްޓްރީން ދޫކުރާ ކަމަށް އެ ފޮތުގައިވެއެވެ. އެއީ މަސްވެރިކަމުގެ މަޝްރޫއުތައް ގާއިމު ކުރުމުގެ ހުއްދައާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމުގެ ހުއްދައެވެ.
މިނިސްޓްރީން ހަ ބާވަތެއްގެ ލައިސަންސް ދޫކުރެއެވެ. އެއީ:-
- މަސްވެރިކަން ކުރުމުގެ ލައިސަންސް
- މަސް ޕްރޮސެސް ކުރުމުގެ ލައިސަންސް
- ކަލެކްޓަރ އުޅަނދު އަދި ކެރިއަރު ވެސަލް އޮޕަރޭޓް ކުރުމުގެ ލައިސަންސް
- އައިސް ޕްލާންޓް އޮޕަރޭޓް ކުރުމުގެ ލައިސަންސް
- އެކުއަކަލްޗަރ ލައިސަންސް
- މެދުވެރިއެއްގެ ގޮތުން މަހުގެ ބާވަތްތައް ވިއްކުމުގައި ހަރަކާތްތެރިވުމުގެ ލައިސަންސް މިއެވެ.
މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކަށް ދޫކުރާ ކެޗް ސެޓްފިކެޓްގެ ގޮތުގައި މިނިސްޓްރީން ފަސް ބާވަތެއްގެ ސެޓްފިކެޓް ދޫކުރެއެވެ. އެއީ ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ދޫކުރާ ކެޗް ސެޓްފިކެޓް، ހިބަރު އެކްސްޕޯޓު ކުރުމަށް ދޫކުރާ ކެޗް ސެޓްފިކެޓް، ފާނަ އެކްސްޕޯޓު ކުރުމަށް ދޫކުރާ ކެޗް ސެޓްފިކެޓް، ފަރުމަސް އެކްސްޕޯޓު ކުރުމަށް ދޫކުރާ ކެޗް ސެޓްފިކެޓް އަދި ދިރޭ ކުދިމަސް އެކްސްޕޯޓު ކުރުމަށް ދޫކުރާ ކެޗް ސެޓްފިކެޓެވެ.