ބޮޑެތި އަނިޔާތަކަކާއި އެކު މަރުވެފައިވާ ބޮޑު މަހެއް އެމެރިކާގެ ނިއު ޔޯކްގެ ބީޗަކަށް ލައްގައިފިއެވެ.
އެގޮތުން މި ބޮޑުމަހުގެ ގިނަ އަދަދެއްގެ ކަށިތައް ބިނދިފައިވާއިރު، ބޭރު ފުށުން ފުން ޒަހަމްތައް ފެންނަން ހުއްޓެވެ. އެޓްލާންޓިކް މެރިން ކޮންޒަވޭޝަން ސޮސައިޓީއިން މައުލޫމާތުދޭގޮތުގައި މި ބޮޑުމަސް ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ބޮޑު މަހަށް ލިބިފައިވާ ޒަހަމްތަކަށް ބަލާއިރު، އާގު ބޮޑެއް ނޫނީ ސައިޒުގެ ގޮތުން ބޮޑު ބޯޓެއްގައި ޖެހުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށްވަނީ ލަފާކޮށްފައެވެ.
ބޮޑުމަހަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކުދަނީ މިފަދަ ކަންތައްތައް މަދުކުރެވޭނެ ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށް ބުނަމުންނެވެ،
ފާއިތުވީ އަހަރުތަކުގައި މި ބާވަތުގެ ބޮޑުމަސް މަރުވެގެން ލައްގާ މިންވަރުވަނީ އިތުރުވެފައެވެ. އެގޮތުން އެޓްލާންޓިކްގެ ކަނޑުގެ އައްސޭރިއަށް 2017ވަނަ އަހަރުން ފެށިގެން މިހާތަނަށް 141 ބޮޑުމަސް ވަނީ ލައްގާފައެވެ. މިއާ ކަންބޮޑުވާން ޖެހޭ އަދަދެއް ކަމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ހާމަކުރެއެވެ.