ފްރާންސްގެ ނިއު ކެލިޑޯނިއާގައި މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން މީހެއް މަރުވެއްޖެއެވެ. މިދިޔަ އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި، މިޔަރު އެމީހާއަށް ހަމަލާ ދީފައިވަނީ ފަތުރުވެރިންގެ މެދުގައި މަޤްބޫލް ބީޗު އޭރިއާއެއްގައެވެ.
މިޔަރެއް ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ އޮސްޓްރޭލިއާއަށް ނިސްބަތްވާ ކްރިސް ޑޭވިސް ނަމަކަށް ކިޔާ މީހެކެވެ. މިޔަރު ހަމަލާ ދީފައިވަނީ އެއްގަމާއި150 މީޓަރު ދުރުގައި އޭނާ ފަތާފައި އުޅެނިކޮށެވެ. ކަމާގުޅޭ ވުޒާރާތަކުން މިހާރު ވަނީ އޭނާއަށް ހަމަލާ ދިން ކަމަށް ބެލެވޭ މިޔަރު ހިފާފައެވެ.
59 އަހަރުގެ ކްރިސްއަކީ3 ކުދިންގެ ބައްޕައެކެވެ. އޭނާގެ ފުރާނަ ސަަލާމަތްކުރަން އެ ވަގުތު ބީޗުގައި ތިބި ފަރާތްތަކުން ކުރި މަސައްކަތަށް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އޭނާގެ ހަށިގަނޑު މިހާރުވަނީ އޮސްޓްރޭލިއާއަށް ފޮނުވާލާފައެވެ.

އޭނާ އަށް ހަމަލާ ދިން ކަމަށް ބެލެވޭ4 މީޓަރުގެ ޓައިގަރ ޝާކު ހިފާފައިވާއިރު، އޭގެ ފޮޓޯތައްވެސް ކަމާއި ގުޅޭ ވުޒާރާތަކުންވަނީ އާއްމުކޮށްފައެވެ.
އަދި އެހިސާބުގެ ކަނޑުގެ ސަރަހައްދުތައް އިތުރަށް ބެލުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މިޔަރު ހަމަލާ ދިނުމުގެ ހާދިސާއަށްފަހު އެހިސާބުގެ ބީޗުތައްވަނީ މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައެވެ.