73 ޓަނު މަސް ބާނައި، އެއް މިލިއަން ރުފިޔާ ހޯދައި ގދ. މަޑަވެލީ ޓީއެސްލައިން ދޯނިން ރިކޯޑު ގާއިމުކޮށްފިއެވެ.
މިއަދު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ޓީއެސްލައިން ދޯނިން ވަނީ73 ޓަނު މަސް ކިރުވައި، އެއްދުވަހުން އެންމެ ގިނަ މަސް ކިރުވި ދޯނީގެ ރެކޯޑު އިޔާދަ ކޮށްފައެވެ.
ދިވެހި ރާއްޖޭގައި، ދޮށީގެ މަސްވެރިކަމުގައި އެއް ދުވަހުން އެންމެ ގިނަ މަސް ބޭނި ދޯނީގެ ރިކޯޑު އެންމެ ފަހުން އޮތީ ގދ. ފަރެސްމާތޮޑާ "ބާޚިރާ" ދޯނީގައެވެ. އެއީ ކޫއްޑޫއަށް 58.6 ޓަނުގެ މަސް ކިރުވައިގެންނެވެ. ނަމަވެސް އޭގެ ކުރިން57 ޓަނު މަސް ކިރުވައި، އެ ރިކޯޑު އޮތީ ޓީއެސް ލައިން ދޯނީގައެވެ.
މިފަހަރު ކިރުވި73 ޓަނު މަހަށް އެ ދޯންޏަށް ވަނީ އެއް މިލިއަން ދެލައްކަ ހަހާސް އަށްސަތޭކަ ތިރީސް ހަތް ރުފިޔާ ލިބިފައެވެ.

ދޯނީގެ ކެޔޮޅު މި ނޫހަށް މައުލޫމާތު ދެމުން ބުނީ، އެ ދޯނިން އެއް ދުވަހުން70 ޓަނު ބޭނި ކަމަށާއި، އަނެއް3 ޓަނަކީ އެހެން ދުވަހެއްގެ މަސް ކަަމަށެވެ. އެ ތިން ޓަނު ނުހިމަނައި ގުނި ނަމަވެސް ޓީއެސް ލައިންއަށް ރެކޯޑު ގާއިމް ކުރެވޭނެއެވެ.
ޓީއެސްލައިން ދޯނިން ވަނީ 2021 ވަނަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި އުޅަނދުގެ އެވޯޑު ހޯދާފައެވެ.
ޓީއެސްލައިން ދޯނިން ވަނީ 2021 ވަނަ އަހަރު ޖުމްލަ 1095.805 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވާފައެވެ.
ޓީއެސް ލައިން ދޯނި ބަނދެ، މަސްވެރިކަމަށް ނެރެފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ދޯނި ބަނުމުގެ މައިގަނޑު މަގުސަދަކަށް ވީ، މަސްވެރިކަމުގެ ދާއިރާޔަށް ޒުވާނުން ޝައުގުވެރި ކުރުވުމެވެ.
ޓީއެސް ލައިންއަކީ 2021 އަދި 2022 ވަނަ އަހަރުވެސް ދޮށީގެ މަސްވެރިކަމުގައި ފާހަގަ ކޮށްލެވުނު ނަމެކެވެ.